Last Updated: April 27, 08:54
Saturday, April 27, 2024
ވިޔަފާރި

ބީއެމްއެލް އަށް ތިންވަނަ ކުއާޓާގައި 259 މިލިއަން ރުފިޔާގެ ފައިދާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 259 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލް އިން ތިންވަނަ ކުއާޓާގެ މާލީ ހިސާބުތައް އާންމުކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 15 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ލިބުނީ 224.4 މިލިއަން ރުފިޔާ އެވެ.

އަދި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލް އަށް އާމްދަނީގެ ގޮތުގައި 646,1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 95 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ނަތީޖާ ކުރިއަށް އޮތް ކުއާޓަރުގައި ހާސިލްނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި މުޅި އަހަރުގެ މާލީ ނަތީޖާއިން ދައްކައިދޭނެ ކަމަށްވެސް ނުބެލެވޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކުގެ ލިކުއިޑިޓީއަށް ނޭދެވޭ އަސަރުކޮށްފައިވީ ނަމަވެސް މި ބަލިމަޑުކަމުގެ ސަބަބުން މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން 2.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އާ ލޯނު ދޫކޮށްފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ބޭންކުގެ ލިކުއިޑިޓީ އާއި ކެޕިޓަލް ރޭޝިއޯ ހުރީ ގާނުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއްގައި ހިފެހެއްޓިފައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިދިޔަ ކުއާޓަރުގެ ނަތީޖާއާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެފައި ވަނީ އެ ކުއާޓަރުގައި ރަނގަޅު ނަތީޖާއެއް ހޯދިފައިވީ ނަމަވެސް މި އަހަރުގެ ބާކީ ބައިގައި ޕްރޮވިޝަން ޗާޖް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ކުއާޓަރުވެސް ވެގެންދާނީ ދަތި އުނދަގޫ ކުއާޓަރައަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެނަސް ބޭންކުން މުޖުތަމައަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިހާރު ހުރި ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް ކަސްޓަމަރުން ބޭނުންވާފަދަ ހިދުމަތެއް ދިނުމުގެ ގޮތުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރަމުންދާނެ. ދިވެހި ރައްޔިތުންނާއެކު ދިވެހިންގެ ބޭންކުގެ ގޮތުގައި މި ބޭންކު ދެމި އޮންނާނެ،" ޓިމް ވިދާޅުވެފައިވެ އެވެ.