Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެންމެ ގިނަ ފަސިންޖަރުން ރާއްޖެ ގެނެސްދިނީ އެމިރޭޓްސް އިން

އެމިރޭޓްސްގެ ބޯޓެއް ---

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިހާތަނަށް އެންމެ ގިނައިން މީހުން ރާއްޖެ ގެނެސްދިން އެއާލައިން އަކަށް އެމިރޭޓްސް ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ޖުލައި 15 އާއި މި މަހުގެ 25 ވަނަ ދުވަހާ ދެމެދު އެމިރޭޓްސް އިން ރާއްޖެ އައި ފަސިންޖަރުންގެ އަދަދު 14,987 އަށް އަރަ އެވެ. އެ އެއާލައިނުގެ ފްލައިޓު މޫމަންޓު އުޅެނީ 178 ގައެވެ.

ދެން އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އުފުލީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 14،690 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު 206 ފްލައިޓު މޫމަންޓް ރެކޯޑު ކުރެވިފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަސިންޖަރުން އުފުލި އޭރޯފްލޯޓުން 4639 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު 28 ފްލައިޓު މޫމަންޓް ރެކޯޑު ކުރެވިފައިވެ އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން މި މަހުގެ 28 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 37،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ. އެގޮތުން އެގައުމުން ވަނީ 7507 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި ޔޫއޭއީ، އެމެރިކާ، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.