Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ވެންޓިލޭޓަރު މައްސަލަ ރިވިއު ކޮށްދޭން އެދެން ފާސްކޮށްފި

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ - ފޮޓޯ: މަޖިލިސް

ކޮވިޑް19 ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހެލްތު މިނިސްޓްރީ އިން ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގައި ހިޔާނާތާއި މަގާމުގެ ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ރިވިއު ކޮށްދޭން އެދުމަށް ޖުޑީޝަރީ ކޮމެޓީ އިން ފާސްކޮށްފިއެވެ.

މި މައްސަލާގައި މިދިޔަ ބުދަ ދުވަހު ޕީޖީ ހުސައިން ޝަމީމް ވަނީ ޖުޑީޝަރީ ކޮމެޓީ އަށް ހާޒިރުވެސް ކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުމަކީ މީޑިއާ އަށް ވަދެވޭ ގޮތަށް ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް ވާތީ އެ ބައްދަލުވުން މަޖިލީހުގެ އިދާރާއިން ސްޓްރީމިން ވެސް ނުކުރެއެވެ.

އެހެންނަމަވެސް ކޮމެޓީން މި މައްސަލަ ނިންމިއިރި ތިން ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ. ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާ ފުލުހުން ފަދަ ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމެވެ.

ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީ އިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމެވެ. ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް އެންގުމެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެއެވެ. މި މައްސަލަ އާއި ގުޅިގެން އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.