Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

މަޖިލީހުގެ ބައްދަލުވުމެއްގައި ޝަހިންދާ ބައިވެރި ކުރުމުން އިލްމުވެރިން ރަތަށް!

ޝަހިންދާ އިސްމާއިލް

ރައްޔިތުން މަޖިލީހުގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އެގްޒެކްޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ބައިވެރި ކުރުވުމުން އިލްމުވެރިން ނުރުހުން ފާޅުކޮށްފިއެވެ.

އެމްޑީއެން އަކީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ބަދުބަސް ބުނެ ރިޕޯޓެއް ނެރެފައިވާ ޖަމިއްޔާއެކެވެ. އެ މައްސަލާގައި އެ ޖަމިއްޔާ މިހާރު ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ. އަދި ޝަހިންދާ ވަނީ މި މައްސަލާގައި ފުލުހުންގެ އިދާރާ އަށްވެސް ހާޒިރުވާން އަންގައިފައެވެ.

ދީނީ އިލްމުވެރިން އެކުލެވޭ ރައްޔިތުންގެ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންނަށް ފިލައިގެން އުޅޭ ޝަހިންދާ އެ ބައްދަލުވުމުގައި ބައިވެރި ކުރުވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކަމަށެވެ.

ފުލުހުން ޝަހިންދާ ހޯދަން އިއުލާންކޮށްފައި ވަނިކޮށް މަޖިލީހުގެ ބައްދަލުވުމުގައި އޭނާ ބައިވެރިކުރީ ގަސްތުގައި ކުރިއާލާ ރާވައިގެން ކަމަށާއި އެއީ ފޯރަމެއްގެ ނަމުގައި ލާދީނީ ވިސްނުމުގެ ގާތް އަޢުވާނުންކޮޅެއް ހިމަނައިގެން ރައްޔިތުން ރުޅިއަރުވައި ޖެއްސުންކުރުމަށް ކުރި ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަށް ވެސް އެ ބަޔާނުގައި ވަނީ ފާޑު ކިޔައިފައެވެ. އެގޮތުން އެ ބަޔާނުގައި ނަޝީދު އެމްޑީއެން އުވާލައިގެން ނުވާނެ ކަމަށް މީގެކުރިން ބުނެފައިވާތީ އެކަން ވަނީ ފާހަގަކޮށްފައެވެ. އެފަދަ ގޮތަކަށް ވާހަކަދެއްކެވުމަށްފަހު ޖިލިސް ފޯރަމްގައި ޝަހިންދާ ބައިވެރިކުރި ކުރުމަކީ އޭނާގެ ޖަމާއަތުން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުއްޓަސް އެއީކީ މައްސަލައެއް ނޫންކަމަށް މަޖިލީހުން ދެކޭކަން ބޭރުގެ ދުނިޔެއަށް ދައްކަން ކުރި ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.