Last Updated: April 20, 18:45
Tuesday, April 20, 2021
ޚަބަރު

ސިދުރަތުﷲ ގެ ޕޯސްޓުޕޯޓަމް އަންނަ ހަފްތާގައި ހަދަނީ

ސިދުރަތު --

އައިޖީއެމްއެޗާއި ދިމާލު މޫދުގައި މަރުވެފައި އޮއްވައި ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ) ގެ ޕޯސްޓުމޯޓަމް އަންނަ ހަފްތާގައި ހެދުމަށް އޭނާގެ ހަށިގަނޑު ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 22ވަނަ ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ.

އެހެންކަމުން އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާއި ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ ދެފަހަރެއްގެ މަތިން އެދިފައެވެ.

ނަމަވެސް އޭނާގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ނުބެލެވޭތީ އޭނާގެ ޕޯސްޓުމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް އޭނާގެ މަރަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ޕޯސްޓުމޯޓަމް ހެދުން ލަސްވާތީ އެކަމާއި ގިނަ ބައެއްގެ ފާޑު ކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

ނަމަވެސް އޭނާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމުގެ މަސައްކަތް ކުރުމަށް ލަސްވަނީ ކޮވިޑާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.