Last Updated: April 23, 23:56
Tuesday, April 23, 2024
ރިޕޯޓް

އިންޑިޔާ އެއޮތީ އެއްގާގަނޑުން ޖަހައި ދެދޫނި މަރާފައެވެ!

އިންޑިޔާ އެކުލެވިގެންވަނީ 28 ސްޓޭޓްގެ މައްޗަށެވެ. މިތަނުން އެއް ސްޓޭޓަކީ ގުޖުރާތެވެ. އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވަނީ ގުޖުރާތަށެވެ. ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިން ގާތްގަޑަކަށް ފަނަރަ އަހަރު ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ކުރެއްވިއެވެ. 

ގުޖުރާތަކީ އާބާދީއަށްބަލާއިރު އިންޑިޔާގެ ނުވަވަނަ ސްޓޭޓެވެ.

އުއްތަރު ޕްރަދޭޝާއި މަހާރަޝްތުރާޔާއި ބިހާރާއި ހުޅަނގު ބެންގޯލާއި މަދިޔަ ޕްރަދޭޝާއި ޓަމިލްނާޑޫ އާއި ރާޖަސްތާނާއި ކަރްނާޓަކާއިގައިވެސް ގުޖުރާތަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. މި ސަބަބަށްޓަކައި ގުޖުރާތުގެ މީހަކަށް ނުވަތަ ޓީމަކަށް މުޅި އިންޑިޔާގެ ވެރިކަން ގިނަދުވަހު ކުރާން ފަސޭހައެއް ނޫނެވެ. ގުޖުރާތަކީ މުޅިއިންޑިޔާއަށް މަގުދައްކައިދޭ އެންމެ މުހިއްމު ސްޓޭޓްކަން ދެއްކުމަށްޓަކައި ވަރަށް ގިނަ އިތުރުކަންކަން ކުރާންޖެހެއެވެ.

މޯދީއަށް އިންޑިޔާގެ ބޮޑުވަޒީރުކަމުގައި ހިފަހައްޓައިލެވެން އޮތީ އެކަންކަން ކޮށްގެނެވެ. 

ގުޖުރާތުގެ ޗީފް މިނިސްޓަރުކަމުގައި މޯދީ ހުންނަވާތާ ދިހަ އަހަރުވުން ފާހަގަ ކުރުމުގެ ނަމުގައި ވަރަށް ވަރުގަދަ ކެމްޕޭނެއް ދެހާސް އެގާރަ ހިސާބުގައި ފެށުނެވެ. މި ކެމްޕޭނުގެ ހަގީގީ މަގްސަދަކީ މޯދީއަށް މުޅި އިންޑިޔާގެ ބޮޑުވަޒީރުކަން ހޯދައިދިނުމެވެ. މި ކެމްޕޭނުގެ ނަމަކީ އިންޑިޔާ އިންޑިޔާއަކަށް ހެދުމުގައި ގުޖުރާތުގެ ދައުރު މިހެންނެވެ.

މި ކެމްޕޭނުގެ އެންމެ ބޮޑު މަޝްރޫއަކީ ދުނިޔޭގައި ބަޔަކު މިހާތަނަށް ހަދާފައި ނުވާވަރުގެ ބޮޑު ބުދެއް ސަރުދާރު ޕަޓޭލްގެ ޝަރަފުގައި ހަދައިފައި ބެހެއްޓުމެވެ.



ސަރުދާރު ޕަޓޭލަކީ ކާކުބާވައެވެ؟

އެއީ އިނގިރޭސީންގެ އަތްދަށުން އިންޑިޔާއަށް މިނިވަންކަން ލިބުމަށްފަހު ފުރަތަމަ ހޯމް މިނިސްޓަރެވެ. ދެކުނު އޭޝިޔާގެ އެކިއެކި ދައުލަތްތައް ވެވުނު ގޮތަކުން އިންޑިޔާގެ ބާރުގެ ދަށަށް ގެނައުމަށް ބާރުއަޅުއްވައި އެމަގުން ކުރިޔަށް ވަޑައިގެންނެވި ބޭފުޅެކެވެ. ހައިދަރުއާބާދާއި ކަޝްމީރުގައި ހިންދޫންގެ ހަރުކަށިކަން ކުރިޔަށް ނެރުމަށް ގަދައެޅުއްވި ބޭފުޅެކެވެ.

މުސްލިމުންނާ ވަރަށް ދެކޮޅު ބޭފުޅެކެވެ. ގުޖުރާތަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ގުޖުރާތުގެ ލީޑަރުކަމުން މުޅި އިންޑިޔާގެ ލީޑަރަކަށްވުމަށްޓަކައި މޯދީ ކުރެއްވި ކަމަކީ ހަރުކަށި ހިންދޫންގެ އެކި ޖަމާއަތް ޖަމާއަތުން ފަންޑު ހޯދައިގެން ހަސަތޭކަފޫޓު އުސްމިނުގައި މިދެންނެވި ސަރުދާރު ޕަޓޭލްގެ ބުދެއް ތައްޔާރުކުރުމެވެ. 

މި މަސައްކަތް ދެހާސްތޭރަ ވަނަ އަހަރު ފަށައިގެން އޭގެ ފަސްއަހަރު ފަހުން ނިންމައިލެވުނީ 2018 ގައެވެ.

މި ބުދު ބެހެއްޓިފައިވަނީ ގުޖުރާތުގެ ކެވާޑިޔާއޭ ކިޔުނު ރަށެއްގައެވެ. އެއީ ގުޖުރާތުގެ ވެރިރަށް އަހުމަދުއާބާދާ ގާތްގަޑަކަށް 198 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ. ބުދު ބެހެއްޓުނުއިރު މޯދީއަށް އިންޑިޔާގެ ބޮޑުވަޒީރުކަންވެސް ލިބިވަޑައިގެންފިއެވެ. އެހެންވީމާ ބުދު ރަސްމީކޮށް ހުޅުވުންއޮތީ އެޒާތުގެ ކަމެއް ބަޔަކު ދުވަހަކުވެސް ނުކުރާހާ ކުލަގަދަކޮށް މުޅި ހިންދޫންގެ ގައުމީ ކަމެއްގެ ގޮތުގައެވެ.



މީގެ ދެ އަހަރެއްހައި ދުވަސްކުރިން މި ބުދު އިފްތިތާހު ކުރުމަށްފަހު ގުޖުރާތުގެ ހިންދޫންގެ އެންމެ ބޮޑު އަމާޒަކީ ވިޔަފާރީގެ އުސޫލުން މި ބުދު ދޮށަށަށް އިންޑިޔާގެ އެކި ކަންކޮޅުތަކުން މީހުންގެނެސް ފަތުރުވެރިކަމުގެ ސިނާއަތެއް އެހިސާބުގައި ގާއިމުކުރުމެވެ. ބުދު ދޮށަށްދާ މީހުންނަށް މުސްލިމުންނަށް ނަފުރަތުކުރާން ދަސްކޮށްދީ ލުއިފޮތް ބެހުން އޮވެއެވެ.

މިތަނުން އެކައްޗަކީ ސަރުދާރު ޕަޓޭލް ބޭނުންފުޅުހާ ކަމެއް މުސްލިމުންނާ ދެކޮޅަށް ކުރާން އޭރުގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ އެއްބަސްވެވަޑައި ނުގަތުމުން ނެހުރޫއަށް ނިސްބަތްކުރައްވައި ޕަޓޭލް ބޭނުންކުރެއްވި ޖުމްލައެވެ. ވިދާޅުވިއެވެ. ނެހުރޫއަކީ މައުލާނާއެކެވެ. މާނަޔަކީ އިސްލާމެކެވެ. ސަރުދާރު ޕަޓޭލްގެ ބުދުދޮށަށް އެއްވާ މީހުންނަށް ދެވޭ އެންމެ ބޮޑު މެސެޖަކީ މުސްލިމުން މަރާން އެއްބަސްނުވާ ކޮންމެ މީހަކީވެސް މުސްލިމެކެވެ.



މިދުވަސްވަރު އިންޑިޔާއާއި ދިވެހި ނޫސްތައް ބަލައިލީމާ އެންމެ ގިނައިން ފެންނަ ޚަބަރަކީ އިންޑިޔާގައި ކަނޑަށް ޖައްސާ މަތިންދާބޯޓުގެ ޚިދުމަތް ދިވެހީންގެ އެހީތެރިކަމާއެކު ފެށި ވާހަކައެވެ. ދިވެހި ނޫސްތަކުގައި ލިޔެފައި ހުރެއެވެ. އެއޮތްބޮޑު އެއޮތް ބާރުގަދަ އިންޑިޔާއަށްވެސް ދިވެހިންގެ އެހީ ބޭނުންވެއްޖެތާއެވެ. ކިހައިބޮޑު ޝަރަފަކާއި ފަޚުރެއް ހެއްޔެވެ. އަޅުގަޑު ހިތަށް އަރައެވެ. ބަޔަކު ކުޅޭ ސިޔާސީ ތަމްސީލެއްގެ ހަގީގަތް އަނެއް ބަޔަކަށް މޭރުންވާނީ ކިހައިވަރަކަށް ސިޔާސީ ކުލަޖެހިގެންބާވައެވެ.

އައިލެންޑް އެވިއޭޝަނުގެ ކަނޑަށް ޖައްސާ ބޯޓެއް ގެންގޮސްގެން އިންޑިޔާ އެކުޅެނީ ހާދަހާ ބޮޑު ތަމްސީލެކެވެ. 

އިންޑިޔާގެ ދަ ހިންދޫ ނޫހުގައި ލިޔެފައިވާފަދައިން ފަންސާސް އަހަރުވެފައިވާ ބައު ބޯޓުގަޑެއް ނުލިބިގެން އިންޑިޔާ އުޅޭކަށް ނުޖެހޭނެއެވެ. ކެނެޑާއާއި ތުރުކީއާއި ސިލޯނުގައިވެސް އެތައް އަހަރަކު ދުއްވަދުއްވާފައި ދަވާދު އައުކޮށްގެން ދިވެހިރާއްޖެއަށް ވިއްކި ބޯޓު ނޫން ބޯޓެއްވެސް ލިބިދާނެއެވެ. އެކަމަކު އިންޑިޔާގައި މިކަމަށް ހެދިފައިވާ ގަވާއިދުތައްވެސް މުގުރާފައި ބޭނުންކުރީ އައިލެންޑް އެވިއޭޝަނުގެ ބޯޓަކާއި އެބޯޓުގެ ދިވެހި ފަޅުވެރިންނެވެ. މިކަމުގެ ސިއްރަކީ ފަހެ ކޮބައިބާވައެވެ. ގައިމުވެސް ބޮޑުވެގެންވާ ސިއްރެއް އޮންނާނެތާއެވެ. 



އިންޑިޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރިކަމަށް ބުނާ ހެލިކޮޕްޓަރު ދުއްވާން އިންޑިޔާގެ ގިނަ އަދަދެއްގެ ސިފައިން މިރާއްޖޭގައި ގާއިމުވެތިބޭ ވާހަކަޔަކީ ވަރަށް ސީރިއަސްކޮށް ދިވެހީން ދައްކާ ވާހަކައެކެވެ. އަދި ގޮތްނޭގޭ އެކި ކަންކަމުގައި އިންޑިޔާ ސިފައިން މިރާއްޖެއައިސް ގާއިމުވެތިބުމަކީ ދިވެހިން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. އެހެންވީމާ މޯދީޔާއި މޯދީގެ ބީޖޭޕީން އެއޮތީ ވަރުގަދަ ޑްރާމާއެއް ކުޅެފައެވެ. ބުނާނެއެވެ. ނުވަތަ މިހާރުވެސް ބުނެއެވެ. ސަރުދާރު ޕަޓޭލްގެ ބުދުދޮށަށް މީހުން އުފުލައި އިންޑިޔާގައި ސީޕްލޭން ޚިދުމަތް ތައާރަފުކުރީ ދިވެހީންގެ އެހީތެރިކަމުގައެވެ. ދިވެހީން އިންޑިޔާގައި ތިބެގެންނެވެ.

އެހެންވީމާ އިންޑިޔާ ސިފައިންނާއި މީހުން މިރާއްޖޭގައި ތިބުމުގެ އޮތީ ކޮން މައްސަލައެއް ހެއްޔެވެ. އެއްވެސް މައްސަލައެއް އޮވެގެން ނުވާނެއެވެ. 

ސަރުދާރު ޕަޓޭލްގެ ބުދަށް ބީޖޭޕީން ކިޔާނަމަކީ އެކުވެރިކަމުގެ ބުދެވެ. އެމެރިކާގައި ހުންނަ ބުދަކަށް މިނިވަންކަމުގެ ބުދޭ ކިޔާފަދައިންނެވެ. އިންޑިޔާގެ ދަށަށް މުޅި ދެކުނު އޭޝިޔާ ގެނައުމަށް ސިއްރާއި ފައުޅުފައި ބީޖޭޕީން ކުރަމުންދާ މަސައްކަތުގައި ސަރުދާރު ޕަޓޭލްގެ "އެކުވެރި" ގައުމީ ބުދުދޮށަށް މީހުން އުފުލާ ގާޑިޔަލަކީ ދިވެހިރާއްޖޭގެ ގައުމީ އެއަރލައިންކަމަށް ވުމަކީ ކުޑަ އިއްތިފާގެއްތޯއެވެ.

މިހިރީ ހައްތާވެސް މިކަންކަން ރާވައި ތަންފީޒުކުރާ ބަޔަކަށް ފުދިއިތުރުވެ ބަންޑުންވާ މިންވަރަށް ފައިދާވާނޭ ކަންކަމެވެ. އެއްގާގަނޑަކުން ދެދޫނި މެރުމޭ ކިޔަނީ މިޒާތުގެ ކަންކަމަށެވެ. އިންޑިޔާގެ އަމިއްލަ އެއަރލައިނެއް ކަމަށްވާ ސްޕައިސްޖެޓް މެދުވެރިކޮށް ގުޖުރާތުގައި މޯދީ އާއި މޯދީގެ ބީޖޭޕީން މި ޖެހި ސަކަރާތަކީ ގުޖުރާތުގެ ޕޮލިޓިކްސްއާއި އިންޑިޔާގެ ގައުމީ ޕޮލިޓިކްސްއާއި ސަރަހައްދީ ޕޮލިޓިކްސްއަށް ދޫކޮށްލި ވަރުގަދަ ޑްރާމާއެކެވެ. މިކަންކަން މޭރުންވާނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ. ލޯމަރައިގެންތިބެ އަތްޖަހާ ބަޔަކަށް ނޫނެވެ.ަ