ކޮވިޑް19އާ ގުޅިގެން ދިގު މުއްދަތަކަށް ބަންދުކުރުމަށްފަހު ގެސްޓްހައުސްތައް އަލުން ހުޅުވާލުމުން އައްޑޫ ސިޓީގެ ގެސްޓްހައުސް އަކަށް މިއަދު ފަތުރުވެރިއަކު އަތުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
އައްޑޫގެ ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދިނުމާއި ގުޅިގެން އައްޑޫ އަށް އައި ފުރަތަމަ ފަތުރުވެރިޔާ އައިސްފައިވަނީ މަރަދޫ ފޭދޫގައި ހުންނަ ވޭވް ސައުންޑް ބައި ތްރީއެސް ގެސްޓްހައުސް އަށެވެ. އެގޮތުން އެ ފަތުރުވެރިޔާ އަށް އެ ގެސްޓްހައުސް އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ފަތުރުވެރިންނަށް އަލުން ރާއްޖެ ހުޅުވާލުމާއި ގުޅިގެން އައްޑޫ އަށް އައި ފުރަތަމަ ފަތުރުވެރިޔާ އައިސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ފަތުރުވެރިޔާ މަރުހަބާ ކިޔާފައިވަނީ އީކުއެޓާ ވިލެޖުންނެވެ.
ޓޫރިޒަމްގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އައްޑޫގައި ގެސްޓްހައުސްތައް ހިންގުމަށް މިހާތަނަށް ހުއްދަ ދީފައިވަނީ ވޭވް ސައުންޑް ބައި ތްރީއެސް އަދި އީކުއެޓާ ވިލެޖަށެވެ. އަދި މިހާތަނަށް ރާއްޖޭގެ 46 ގެސްޓްހައުސްއަކަށް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.