އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ދޭދޭ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތާއި، ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން، އިނގިރޭސިވިލާތުގައި ތަޢުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އެކުގައި މަސައްކަތްކުރުމާއި، މޫސުމާ ގުޅޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި އިނގިރޭސި ވިލާތުގެ ސަފީރު ވަނީ، ކޯވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސަފީރު ވަނީ ދިވެހި ސަރުކާރުން ކޯވިޑް-19 ގެ މި ހާލަތުގައި ނަންގަވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ.
އަދި މި ބަލިމަޑުކަމާއެކު އިންގްލެންޑް ފުރަބަންދުކުރުމާ ގުޅިގެން، އެ ސަރަޙައްދުގެ ހާލަތު ރަނގަޅުވުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާ، އެއަށްފަހު ރާއްޖެއަށް ޒިޔާރަތްކުރާ އެ ޤައުމުގެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
އަދި ދާދި ފަހުން ދެ ޤައުމުގެ ދެމެދު ޤާއިމުކުރުމަށް އިޢުލާންކުރި އެއަރ ބްރިޖްގެ ދަށުން ކަރަންޓީނު ނުވެ ރާއްޖެއަށް ފަތުރުވެރިންނަށް އައުމަށް މަގުފަހިވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށާއި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިނގިރޭސިވިލާތުން އިޢުލާނުކުރުމާއި ގުޅިގެން، އެ ކަމަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.