Last Updated: July 21, 10:41
Monday, July 21, 2025
ޚަބަރު

ފަތުރުވެރިންނާއި މުވައްޒަފުން ކަރަންޓީނު ކުރަން ރިސޯޓެއް ހާއްސަކުރަނީ

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓުއަރިސްޓުންނާއި އަދި މުވައްޒިފުން އެ ރިސޯޓުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ވަނީ އެކަމަށް ހާއްސަ ރިސޯޓެއް ކަނޑައެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިސޯޓުގައި ހުންނަން ޖެހޭ ޝަރުތުތައް:

– މަދުވެގެން 50 ކޮޓަރީގެ ރިޒޯޓަކަށްވުން.

– މާލެ އަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) ނުވަތަ ފެލިދިއަތޮޅު (ވ) ރިޒޯޓެއް ކަމުގައިވުން.

– 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިޒޯޓް ލިބުން.

– ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެން ހުރުން.

– ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވުން.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 13:00ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.