ދިވެހި ދަރިވަރުންނާއި ވިޔަފާރިވެރިންނަށް އިންޑިއާއަށް ދިޔުމަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޯވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް އެޤައުމަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހު، ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދައެއް ދިނުމަށް ނިންމާފައިވާކަން އިންޑިއާ ސަރުކާރުން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެގޮތުން ވިޔަފާރި އާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ކޮންސިއުލަރ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޚާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ އެއަރ ބަބްލް ތެރެއިން ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިހާރުވެސް ހާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.