Last Updated: April 20, 10:15
Saturday, April 20, 2024
ކުޅިވަރު

އޯބަމަޔަންގެ ގޯލުން އާސެނަލް އިން ޔުނައިޓެޑް ބަލިކޮށްފި

ޕިއެރޭ-އެމެރިކް އޯބަމަޔަންގެ ގޯލުން 1-0 އިން އާސެނަލްގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު އާސެނަލް މިހާރު އޮތީ 12 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައެވެ. ޔުނައިޓެޑް އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައެވެ. އެއްވަނައިގައި 16 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އާސެނަލް އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ވިލިއަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ސަކާ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް އާސެނަލް އިން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އޯބަމަޔަންގް ވަނީ އާސެނަލް އަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ އާސެނަލް އަށް ލިބުނީ ބެލެރިން އަށް ޕޮގްބާ ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ ފަސް މެޗަށްފަހު އޯބަމަޔަންގް އާސެނަލް އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މެޗުގެ ފަހު 20 މިނެޓްގައި ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މިއީ 2006 ވަނަ އަހަރަށްފަހު އަމިއްލަ ދަނޑުގައި ކުޅެ ލީގުގައި އާސެނަލް އަތުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ އެސްޓަންވިލާއާ އެވެ. ޔުނައިޓެޑް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.