މާލޭގައި ޓެކްސީގެ ހިދުމަތްދިނުމުގައި ހަރަކާތްތެރިވާ އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ (އައިންތު) ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
އައިންތުގެ ކާރަށް އެންމެފަހުން ގެއްލުންދީފައިވަނީ މިދިޔަ ހަފްތާގައެވެ. އެގޮތުން އެ ކާރުގެ ވިންޑް ސްކްރީން ތަޅާލައި ވަނީ ގެއްލުންދީފައެވެ. މިއީ އޭނާގެ ކާރަށް ގެއްލުންދިން ފަސްވަނަ ފަހަރެވެ.
އަލީ އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އައިންތުއަށް އެކި ގޮތްގޮތުން ފުރައްސާރަކޮށް، އޭނާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުން ދެމުންދާއިރު އެ ދަށުދަރަޖައިގެ އަމަލު ކުރި ބަޔަކަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ.
އަދި މި އަމަލުގެ ސަބަބުން އާމްދަނީ ހޯދުމަށް އޭނާއަށް ހުރަސް އެޅިފައިވާ ކަމަށާއި، އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެފަދަ މަސައްކަތަށް ހިތްވަރު ދިނުމަށް ވެސް އެ ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
ޓެކްސީއަށް ގެއްލުން ދިނުމުން އާމްދަނީ ހޯދުމަށް އައިންތު ކުރަމުން އައި މަސައްކަތް ހުއްޓުމެއް އައި ނަމަވެސް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އެހީއާއެކު ކާރު މަރާމާތުކުރުމަށްފަހު އަލުން ޓެކްސީ ކުރަން އައިންތު މިހާރު ވަނީ ފަށާފައެވެ.
ޓެކްސީ އަަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް އާންމުންނާއި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް އައިންތު ވަނީ ބުނެފައެވެ.
އައިންތުގެ ކާރަށް ގެއްލުންދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.