އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޑރ. މުޙައްމަދު ސާލިހު ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަގާމަށް ޑރ.ސާލިހު ހަމަޖެއްސީ ރައީސް އޮފީހުންނެވެ. ނަމަވެސް ރަސްމީކޮށް އޭނާ މަގާމާއި ހަވާލުވެވަޑައިގަންނަވާނެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.
އައްޑޫ އަށް ނިސްބަތްވާ ޑރ. ސާލިހަކީ އައިޖީއެމްއެޗާއި މެޑިކާ ހޮސްޕިޓަލް ހިންގެވުމުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.
އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލަކަށް ވާއިރު، އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ހިމެނެއެވެ.
އޭގެއިތުރުން ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމާއި، އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންތައް ވެސް އެ ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި އޭއީއެޗްގައި އޮޕަރޭޝަން ކުރުމުގެ ކަންކަން ކުރިއަށްގެންދަން ފަސް ތިއޭޓަރު ހުރެއެވެ.