Last Updated: April 23, 23:56
Wednesday, April 24, 2024
ކުޅިވަރު

ބޭލްގެ ގޯލުން ޓޮޓެންހަމް ލީގުގެ ދެވަނަ އަށް

ގެރެތް ބޭލްގެ ގޯލުން ބްރައިޓަންގެ މައްޗަށް 2-1 އިން ކުރި ހޯދައި، ޕްރިމިއާ ލީގުގެ ދެވަނަ އަށް ޓޮޓެންހަމް އަރައިފިއެވެ.

ލީގުގެ ދެވަނައިގައި ޓޮޓެންހަމް އޮތީ 14 ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި 16 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. އަދި ރޭގެ މެޗުން ބަލިވި ބްރައިޓަން އޮތީ ފަސް ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޓޮޓެންހަމް އިންނެވެ. އެގޮތުން އެޓީމަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރަން ބްރައިޓަން އިން ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ.

ޓޮޓެންހަމް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 56 ވަނަ މިނެޓްގައި ލެމްޕްޓީ ވަނީ ބްރައިޓަން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ޓޮޓެންހަމް މޮޅުވި ގޯލު 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ބޭލް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބްރައިޓަންގެ ޕެނަލްްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މިއީ މިދިޔަ ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމް އަށް ބަދަލުވިފަހުން އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުވެސް މެއެވެ.

މިއީ ލީގުގައި ޓޮޓެންހަމް އިން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ވެސްޓްބްރޮމްއާއެވެ. ބްރައިޓަން ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ.