1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ތަމަޅަ ޓައިގަރުން ރާއްޖެ ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުކޮށްލީ ދިވެހި ސިފައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެ ދުވަހާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި އަދި އިދިކޮޅު ފަރާތްތަކުން ވެސް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މާދަމާ އަކީ ދިވެހިންގެ ފަހުރުވެރި ނަސްރުގެ ދުވަސް ކަމަށާއި މި ދުވަހަކީ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓަމިލް އީލާން (ޕްލޮޓް) ނަމަކަށް ކިޔާ ޖަމާއަތަކުން ރާއްޖެ އަށް ހަމަލާދީ، ރާއްޖެ ހިފުމަށް މަސައްކަތް ކުރި ދުވަސް ކަމަށެވެ.
"ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓަމިލް އީލާން އިން ކުރި މަސައްކަތް ނާކާމިޔާބު ކުރީ ފަހުރުވެރި ދިވެހި ސިފައިން. ޕްލޮޓް ޖަމާއަތުގެ ފަރާތުން ސިފައިންގެ ހިފުމަށް އެރޭ މެންދަމުން ފެށިގެން އައިސް އިރުއޮއްސުމާ ޖެހެންދެން ބަޑި ޖަހަމުން ގެންދިޔަ. ޕްލޮޓް ޖަމާއަތަށް ރާއްޖޭގެ ސިފައިންގެ މައި މަރުކަޒު ފޫއަޅުވާލައި އެތާތެރެއަށް ނުވަދެވުނު" ނަޝީދު ވިދާޅުވިއެވެ.
ނަސްރުގެ ދުވަސް ހަގީގަތުގައި ފާހަގަކުރަނީ ސާބިތުކަމާއެކީގައި ސިފައިން ރައްދު ހަމަލާދީ އެ މަރުކަޒު ސިފައިން ހިމާޔަތް ކުރި ކުރުން ފާހަގަކުރުމުގެ ގޮތުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހެޔޮ ހާލުކޮޅުގައި ހުންނެވިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މައުމޫން ގެންދެވީ ސިފައިންގެ އިސް ފަރާތްތަކާއި ވާހަކަދައްކައި މަޝްވަރާ ކުރައްވަމުން ކަމަށާއި އެ މަޝްވަރާއަށް ފަހު ނިންމެވީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމުތަކަށް އެންގުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ރާއްޖެއިން އެދުނު އެދުމަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި، އިންޑިއާ އާއި ސްރީލަންކާ އިން އިޖާބަ ދިން ކަމަށާއި ނަމަވެސް ރާއްޖެ އަށް އައުމަށް މި ގައުމުތަކުގެ ތެރެއިން އެއްބަސްވެފައި އޮތީ އިންޑިއާ އެކަނި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަދި އިންޑިއާ ސިފައިން އައިސް ޕްލޮޓް ޖަމާއަތުގެ މީހުން ހައްޔަރުކުރި ކަމަށާއި، އޭގެތެރެއިން ބައެއް މީހުން ފުރައިގެން މަސައްކަތް ކުރުމުން ފަހައި ގޮސް އެމީހުން ތިބި ބޯޓު ފައްތާލައި އެމީހުން ހައްޔަރުކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިންޑިއާ ސިފައިން ރާއްޖެ އައީ ބަރު ހަތިޔާރާއެކީގައި. ދިވެހިން އެދިގެން، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ އިސްތިގުލާލު ސަލާމަތްކޮށްދިނުމަށްޓަކާ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ދެ އަހަރު. 1990 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔައީ، އެއްވެސް ދިވެއްސަކު އެ ދުވަހު އިންޑިއާ ސިފައިން އެހާ އަވަހަށް ދިޔުމަށް ހަގީގަތުގައި މާބޮޑަށް ނޭދި ތިއްބައި" ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔައީ އެމީހުން އަމިއްލަ އަށް ކަމަށާއި އެއަށްފަހު މި ހިނގާދިޔަ އަހަރުތަކުގައި އިންޑިއާ ސަރުކާރުން ދިޔައީ ރާއްޖޭގެ ދިފާއީ ބާރުވެރިކަން އިތުރުކޮށްދެމުންކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ އަށް ކުއްލި ކުއްލިއަށް މީހުން އަންނަން ނުޖެހޭނެ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.