Last Updated: July 21, 16:16
Monday, July 21, 2025
ޚަބަރު

ވެންޓިލޭޓަރު މައްސަލަ ރިވިއު ކޮށްދޭން އެދެން ފާސްކޮށްފި

ކޮވިޑް19 ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހެލްތު މިނިސްޓްރީ އިން ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގައި ހިޔާނާތާއި މަގާމުގެ ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ރިވިއު ކޮށްދޭން އެދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެ ޕީޖީ ދައުވާ ނުކުރަން ނިންމި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ރިޕޯޓެއް އެކުލަވާލާގައެވެ. އަދި މިއަދުގެ ޖަލްސާގައި 50 މެމްބަރުންގެ ވޯޓާއެކު އެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ ރިޕޯޓުގައި މައިގަނޑު ތިން ހުށަހެޅުމެއް ވަނީ ހިމަނާފައެވެ. ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާ ފުލުހުން ފަދަ ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމެވެ.

ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީ އިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމެވެ. ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް އެންގުމެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެއެވެ. މި މައްސަލަ އާއި ގުޅިގެން އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.