ޖަނަވާރަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަނަވާރަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އީޕީއޭ އިން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަނީ އައްޑޫ ސިޓި ހިތަދޫގައި ޒުވާނަކު ވާލަކަށް އަނިޔާކުރި މައްސަލައެކެވެ.
އެގޮތުން އެ ޒުވާނާ ވަނީ އެ ވާލަށް އަނިޔާކުރުމަށްފަހު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. އެ ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.