Last Updated: July 21, 17:16
Monday, July 21, 2025
ޚަބަރު

އުއްމީދަކީ މީހުން އިތުބާރުކުރާ މޮޅު ހޮސްޕިޓަލަކަށް އޭއީއެޗް ހެދުން

ޑރ.މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

އުއްމީދަކީ މީހުން އިތުބާރުކުރާ މޮޅު ހޮސްޕިޓަލަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހެދުން ކަމަށް އެ ހޮސްޕިޓަލުގެ އާ ސީއީއޯ ޑރ.މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުޅުދޫ އަށް އުފަން ސާލިހު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުންގެ ނައިބުންނާއި އެއް ފެންވަރުގައެވެ.

އެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން "މިހާރު" ނޫހަށް ސާލިހު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ އެ ހޮސްޕިޓަލާއި ހަވާލުވީ އޭނާ އަކީ އައްޑޫ މީހަކަށް ވެފައި ރަށަށް ހިދުމަތެއް ކޮށްދިނުމަކީ އެއީ ޒިންމާއެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އޭއީއެޗްގައި މި ވަގުތު ގާބިލް ހުނަރުވެރި ޑޮކްޓަރުންނާއި ނަރުހުންނާއި ސާމާނު ވެސް އެބަހުރި ކަމަށާއި މިހާރު ބޭނުންވަނީ ރަނގަޅު މެނޭޖްމަންޓަކުން ތަން ހިންގުން ކަމަށްވެސް ސާލިހު ވިދާޅުވެފައިވެއެވެ.

"އައިޖީއެމްއެޗް އިން ވެސް އެ ފެންނަނީ އަޅުގަނޑު ހުރިއިރު ގެނަސްފައި ހުރި ބަދަލުތައް. މެޑިކާ ވެސް އެއީ ހަމަ 'ސްކްރެޗް' އިން ފަށައިގެން އެވަރުކުރި ތަނެއް. އަޅުގަނޑު ބޭނުމީ އޭއީއެޗް ވެސް އިތުބާރު ކުރެވޭ މޮޅު ހޮސްޕިޓަލަކަށް ހެދުން" ސާލިހު ވިދާޅުވެފައިވެއެވެ.

ޞާލިޙަކީ 15 އަހަރުވަންދެން ޞިއްޙީ ދާއިރާގެ ހިންގުމުގެ މަތީ ފަންތީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުކެވެ. އަދި އެ މަނިކުފާނު ވަނީ 26 އަހަރު ދުވަހު ކްލިނިކަލް ކެއާގެ ދާއިރާއިން ވެސް ތަޖުރިބާ ހޯއްދަވާފައެވެ.

ޑރ މުޙައްމަދު ޞާލިޙް މާސްޓަރ އޮފް ސަރޖަރީ (ޖެނެރަލް ސަރޖަރީ) ހާސިލުކުރައްވާފައި ވަނީ ނޭޕާލުގެ ތްރިބުވަން ޔުނިވަރސިޓީ ޓީޗިންގ ހޮސްޕިޓަލުންނެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ނޮޓިންގހަމް ޔުނިވަރސިޓީއިން މާސްޓަރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ރާއްޖޭން ބޭރުގައި ހިންގާފައިވާ ޞިއްޙީ ދާއިރާއާ ގުޅޭ އެތަކެއް ތަމްރީނު ޕްރޮގްރާތަކެއް ފުރިހަމަކުރައްވާ، އެތަކެއް ވަރކްޝޮޕްތަކާއި ކޮންފަރެންސްތަކުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި މަޤާމަށް ޑރ މުޙައްމަދު ޞާލިޙު ޢައްޔަންކުރެއްވުމުގެ ކުރިން އެ މަނިކުފާނު ވަނީ މެޑިކާ ހޮސްޕިޓަލުގެ ޗީފް ސަރޖަން އެއްގެ މަޤާމު ފުރުއްވާފައެވެ. ހަމަ އެއާއެކު، އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އިތުރު އެހެން ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ އިސް މަޤާމުތައް ވެސް ޑރ އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ.

ޑރ މުޙައްމަދު ޞާލިހަކީ މޯލްޑިވްސް އެންޓި ޑޯޕިންގ އެސޯސިއޭޝަނގެ ރައީސްއެވެ. އަދި އެ މަނިކުފާނަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއާއި، މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އަދި މޯލްޑިވިއަން މެޑިކަލް ސްޓޫޑެންޓް އެސޯސިއޭޝަންގެ އެއް ބާނީއެވެ.