Last Updated: July 21, 16:51
Monday, July 21, 2025
ޚަބަރު

ގެއްލުނު ޝިރުމީނާ ރަހީނުކޮށް، ފައިސާ އަތުލި މައްސަލަ ބަލަނީ

މާލެއިން ގެއްލިގެން ރޭ އިއުލާންކުރި ޝިރުމީނާ އަބޫބަކުރު ރަހީނުކޮށް، ފައިސާ އަތުލި މައްސަލަ ތަހުގީގު ކުރަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެރޭ 22:45 ގައި ކަމަށެވެ.

އަދި އެ އަންހެން މީހާ މިއަދު ހެނދުނު 8:45 ހާއިރު އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ޝިރުމީނާގެ އާއިލާ އިން ވަނީ އޭނާ ބަޔަކު ރަހީނުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ވެގެން ރަހީނުކޮށް އޭނާ އާއި މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި ވިކްޓިމް ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.