Last Updated: July 21, 17:03
Monday, July 21, 2025
ޚަބަރު

ނޮވެމްބަރު 3 އާއި ގުޅުވައި ހަލީމް ދައްކަވަނީ ބުއްދި ގޯސް ވާހަކަ

1988 ވަނަ އަހަރުގެ ނޮވެމްބަރު 3، ގައި ރާއްޖެ އަށް ދިން ހަމަލާ އާއި ގުޅުވައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދައްކަވަނީ ބުއްދި ގޯސް ވާހަކަތަކެއް ކަމަށް ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަލީމް ވަނީ ނޮވެމްބަރު 3، ގައި ތަމަޅައިން ރާއްޖެ އަށް ހަމަލާދިންއިރު ބައެއް ސިފައިން ސައިފަތް ފޮށިގަނޑު ތެރެއަށް އެރި ފިލައި ތިބިކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ ދުވަހު ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާ ސިފައިން އައިސް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ހަލީމްގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމު ފަރާތަކުން، ނޮވެމްބަރު 3 ގެ އެއް ބަތަލު ކަމަށްވާ ދީދީ އާއި ސުވާލު ކުރުމުން އޭނާ ވަނީ ހަލީމް ދައްކަވަނީ ބުއްދި ގޯސް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ތަސައްރަފު ކެނޑިފައި ހުރުމުން ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

"ހޭވެރިކަމާއި، ތަސައްރަފް ކެނޑިފައި ތިބޭ މީހުން ފެނޭ. މިވަރެއް ނުދެކެން" ދީދީގެ އެހެން ޓްވީޓެއްގައި ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ އެ ދުވަހުގެ ނާމާންކަމާއި ބިރުވެރިކަން ފެނިވަޑައިގެންނެވި ކަމަށާއި އޭރުގެ ދިފާއީ ބާރުގެ ތެރޭގައި ވަރަށް ހިތްވަރުގަދަ ޒުވާނުން ވެސް ތިބި ކަމަށެވެ.

އެގޮތުން ޝަހީދު ހުސެއިން އާދަމްގެ ނަން ފާހަގަކުރައްވަމުން ހަލީމް ވަނީ ސިފައިންގެ ތެރޭގައި އެންމެ ގިނައިން ފައިސާ ނަގައިގެން ޖެނެރަލުންނަށްވެފައި ތިބި މީހުން ސައިފަތް ފޮށިގަނޑު ތެރެއަށް އެރި ތިބި ކަމަށްވެސް ވިދާޅުވެފައެވެ.

"ދޮންނަ މެޝިނުގެ ފޮށިގަނޑު ތެރެއަށް އެރި ތިބި މީހުންވެސް. އޭރު ތިން ފަށް ޖަހާފައި ތިބި މީހުން ފަށް ވެސް ނައްޓާލައިގެން ތިބި، އެއީ ފަހަރެއްގައިވެސް ފެނިއްޖެއްޔާ އޭނާ ބޮޑު މީހެއް ކަމަށްވީމާ އަނިޔާކޮށްފާނެތީ. އެވަރުގެ ސިފައިންވެސް ތިބި އެނގޭތޯ" ހަލީމް ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި އެ ދުވަހު ހިދުމަތުގައި ތިއްބެވި ސިފައިންނާއި ގުޅޭގޮތުން ކުޑައިމީސްކޮށް ވާހަކަ ދައްކާ ކަމަށް ބުނެ ޝަކުވާ ކުރައްވާފައެވެ. އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފޮށިގަނޑަށް އެރުނު ވާހަކަ ސާބިތުކަމާއެކީގައި ނޫނީ މަޖިލީހުގައި ނުދެއްކެވުމަށް ހަލީމަށް އަންގާފައެވެ.