Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

ކާބުލްގެ ޔުނިވާސިޓީއަކަށް ބަޑީގެ ހަމަލާއެއް، 19 މަރު

އަފްގާންގެ ސަލާމަތީ ބާރުތައް - ފޮޓޯ: ރޮއިޓާސް

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެންމެ ބޮޑު ޔުނިވާސިޓީ އަށް ބަޑީގެ ހަމަލާތަކެއް މިއަދު ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހަމަލާގައި ގާތްގަނޑަކަށް 19 މީހުން މަރުވެ އިތުރު 22 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މަރުވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އެ ޔުނިވާސިޓީގެ ދަރިވަރުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފްގާންގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ތާރިގު އަރިއާން ވިދާޅުވީ މި ހަމަލާ ދިނުމުގައި ތިން މީހަކު ބައިވެރިވި ކަމަށާއި ހަމަލާގެ ކުރީކޮޅު އެތަނުން އެކަކު ޖާނުން ފިދާވެގެން މަރުވެފައިވާ ކަމަށެވެ. އަދި އަނެއް ދެ މީހުން އަފްގާންގެ ސަލާމަތީ ބާރުތަކުން މަރާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާ އެ ޔުނިވާސިޓީ އަށް ދީފައިވަނީ އިރާނުގެ ބުކް ފެއާއެއް އެ ޔުނިވާސިޓީގައި ފެށުމަށް ތައްޔާރުވެފައިވަނިކޮށެވެ. އެ ހަމަލާ އެ ތަނަށް ދީފައިވަނީ އަފްގާންގެ ސަރުކާރުގެ އޮފިޝަލުންނާއި އަދި އިރާންގެ އޮފިޝަލުން ޔުނިވާސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން އަދި އުފުލާފައި ނުވާއިރު، ތާލިބާނުން ވަނީ މިކަމުގައި ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.

އަގްފާނިސްތާނުގެ ތައުލީމު ދޭ ތަންތަނަށް އަމާޒުކޮށް މީގެކުރިން ވެސް މިފަދަ ހަމަލާތައް ދީފައިވެއެވެ. އެގޮތުން މިދިޔަ މަހު ކާބުލްގައި ޓިއުޝަން ދޭ ސެންޓަރެއްގެ ބޭރުގައި ދިން ހަމަލާއެއްގައި 24 މީހުން ވަނީ މަރާލާފައެވެ. އެ ހަމަލާ ދީފައިވަނީ އައިއެސް ހަނގުރާމަވެރި ޖަމާއަތުންނެވެ.