އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެސް ވައިރަސް އެއް ކަމަށް، އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ޓްރަމްޕް އާއި ބައިޑެން ގެންދަވަނީ އެންމެފަހުގެ ކެމްޕޭންތައް ކުރައްވަމުންނެވެ.
އެގޮތުން ރޭ ފިލެޑެލްފިއާގައި ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ކުރީގެ ނައިބު ރައީސް ބައިޑެން ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަން މާކުރިން ވެސް އެނގިވަޑައިގަންނަވާކަން ޓްރަމްޕް އަމިއްލަފުޅަށް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް މި ވައިރަސް ވަކި ދުވަސްވަރެއްގައި ނެތިގެން ހިނގައިދާނެ ކަމެއް ބުނެ އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ.
އަދި ކޮވިޑްގެ ބަލި ނުކުރެވޭނެ ކަމަށް ނިންމައި ޓްރަމްޕްގެ ސަރުކާރުން މިދިޔަ ހަފްތާގައި އަމާން ދީފައިވާކަން ޓްރަމްޕްގެ ޗީފް އޮފް ސްޓާފް އިއުލާން ކުރައްވާފައިވާ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ސަރުކާރެއްގައި އަމާން ދިނުމެއް ނެތި ކޮވިޑާއި ކުރިމަތިލައި އެ ވައިރަސް ބަލިކޮށް ގައުމު ހަމަޔަކަށް އަޅުވާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.
"އެކަމަކު ހަގީގަތަކީ ވައިރަސް ބަލިކުރުމަށް، ފުރަތަމަ ޓްރަމްޕް ބަލިކުރަންޖެހޭ. އޭނާ އަކީ ވައިރަހެއް" ބައިޑެން ވިދާޅުވިއެވެ.
މުޅި ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވީ ވެސް އަދި މި ބަލީގައި މީހުން މަރުވެފައިވަނީ ވެސް އެމެރިކާ އިންނެވެ. އެގޮތުން މި ބައްޔަށް އެމެރިކާ އިން މިހާތަނަށް 9.2 މިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.