Last Updated: July 21, 17:16
Monday, July 21, 2025
ވިޔަފާރި

ބީއެމްއެލްގެ ކާޑުތަކުން އޮންލައިން ޓްރޭޑް ނުކުރެވޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް މެދުވެރިކޮށް އޮންލައިން ޓްރޭޑު ނުކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ ގާނޫނާއި ގަވައިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި އެ ބޭންކް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކާއި ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ އޮންލައިން ޓްރޭޑިން ސައިޓްތައް ވެސް ބްލޮކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

"ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ މިދަނީ ބޭރުވަމުން" ބީއެމްއެލް އިން ބުންޏެވެ.

އަދި މިފަދަ އުނދަގޫ ދަތި ހާލަތެއްގައި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެގޮތުން ކާޑުން ކުރެވޭ ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާ ކުރަމުންދާނެ ކަމަށާއި އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި އެފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ވަނީ އެ ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި އަދި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި މިހާރު ހިއްސާކޮށްފައެވެ.