Last Updated: July 21, 16:55
Monday, July 21, 2025
ޚަބަރު

ރައްޔިތުންގެ ހިތުގައި ސިފައިންނަށް އޮންނަ އިތުބާރު އިތުރުވެއްޖެ: މާރިޔާ

ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނާ މެދު އޮންނަ އިތުބާރު އިތުރުވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މާރިޔާ ދެއްވި ހިތާބުގައި ވިދާޅުވީ، 3 ނޮވެންބަރު 1998 އަކީ ރާއްޖޭގެ ތާރީހުގެ ކަޅު ސަފުހާއެއް ކަމަށާއި އެއީ ބޭރުގެ ބަޔަކު އައިސް ދިން އުދުވާނީ ހަމަލާއެއްގައި ކުށެއް ނެތް އެތައް ބަޔަކު ޒަހަމް ވެ، 19 ދިވެހީން ޝަހީދުވެގެންދިޔަ ދުވަސް ކަމަށެވެ.

އަދި 3 ނޮވެންބަރުގެ ހާދިސާ ކުރިމަތިވިއިރު، ދިވެހިންގެ ކިބައިގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީނުގެ ފެންވަރާއި މިންވަރު، މިއަދާ އަޅައިބަލާއިރު ވަރަށް ތަފާތު ކަމަށާއި ނަމަވެސް އެ ދުވަހު ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން ދެއްކި ހިތްވަރަށް ތައުރީފު ހައްގު ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެދުވަހު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ފަދަ އަބްތާލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިިނެއް ނެތް ތައުރީފު ހައްގެވެ. އަދި އާންމު ރައްޔިތުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުމަށްވެސް އައްސަރިބަހާއި ހާބަސް ހައްގެވެ. ހަމަ އެހެންމެ، 3 ނޮވެންބަރުގައި، އޭރުގެ ސަރުކާރުން އަވަށްޓެރި އިންޑިއާގެ އެހީތެރިކަމަށް އެދުމުން، އެގައުމުން ދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރަމެވެ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މިއަދު ދިވެހި ގައުމީ ދިފާއީ ބާރުގެ ގާބިލުކަމާއި ވަސީލަތްތައް ވަނީ އެތައް ގުނައެއް ފުޅާވެފައި ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާ މެދު އޮންނަ އިތުބާރާއި ލޯތްބާއި މަގުބޫލުކަންވެސް އިތުރުވެފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.