Last Updated: July 21, 16:51
Monday, July 21, 2025
ޚަބަރު

ޝަހީދުންގެ ބިނާގައި ދިދަ ޖަހައިފި

32 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. އަދި ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާކުރުން އޮތެވެ. ސިފައިންގެ ޢަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންނާއި ސިފައިންގެ ޙިދުމަތުން ޝަރަފުވެރިކަމާއި ރިޓަޔަރކޮށްފައިވާ އެކި ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާ ހިނގިއިރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިވަގުތު ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ބައިވެރިވެލެއްވިއެވެ.