Last Updated: July 22, 21:03
Tuesday, July 22, 2025
ޚަބަރު

އޮސްޓްރިއާ އާއި އަފްޣާނިސްތާނަށް ދިން ޙަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތައް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.

މި ޙަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރިއާ އާއެކު ކަމަށް، މިނިސްޓަރ ޝާހިދު ވަނީ އޮސްޓްރިއާގެ ޚާރިޖީ ވަޒީރު އެލެގްޒެންޑަރ ޝެލެންބަރގްއަށް ދަންނަވާފައެވެ. އަދި ރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވަރސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދީ، އެތައް ބަޔަކު މަރާލި ހާދިސާ ކުށްވެރިކުރައްވައި، އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރް އަށް މިނިސްޓަރ ޝާހިދު ވަނީ މެސެޖެއް ފޮނުއްވާފައެވެ.

މި މެސެޖްގައި، ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ރާއްޖެއިން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ.

އަދި އަފްޣާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އަފްޣާނިސްތާން ސަރުކާރާއެކު އޮތްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.