Last Updated: March 28, 16:38
Thursday, March 28, 2024
ކުޅިވަރު

ޖޯޓާ އަށް ހެޓްރިކެއް، ރެއާލް އަށް ފުރަތަމަ މޮޅު

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އެޓަލާންޓާ އަތުން 5-0 އިން މޮޅުވެ ލިވަޕޫލް މޮޅުވިއިރު، އިންޓަ މިލާން 3-2 އިން ބަލިކޮށް ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް އޮތީ 9 ޕޮއިންޓާ އެކު ގްރޫޕް ޑީގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އަޔެކްސް އަދި ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި އޮތް މިޓްޔައެލަންޑް އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލް އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް މިދިޔަ ޓްރާންސްފާ މާކެޓުގައި ލިވަޕޫލްއާ ގުޅުނު ޕޯޗުގަލްގެ ޑިއޭގޯ ޖޯޓާ ވަނީ ހެޓްރިކެއް ހަދާފައެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އާއި ސަޑިއޯ މާނޭ އެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ޕޮއިންޓު ލިބިފައިވާތީ ރެއާލަށް ރޭގެ މެޗުން މޮޅެއް ހޯދުން އޮތީ މަޖުބޫރުވެފައެވެ.

އެގޮތުން ރެއާލަށް ކަރީމް ބެންޒެމާ އާއި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ދެ ގޯލުގެ ލީޑެއް ނަގައިދީފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލައުޓާރޯ މާޓިނޭޒް ވަނީ ގޯލެއް ކާމިޔާބުކޮށް އިންޓަ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި ދެ ވަަނަ ހާފްގައި އިވާން ޕެރިސިޗް އިންޓަ އަށް ނަތީޖާ އެއްވަރުކޮށްދީފައިވަނިކޮށް ރެއާލް މޮޅުކޮށްދިނީ ބްރެޒިލްގެ ރޮޑްރީގޯ އެވެ.

މި މޮޅާއެކު ރެއާލް އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް ބީ ގައެވެ. ދެވަނައިގައި އޮތް ޝަހުތަރު ޑޮނެސްކަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާއިރު އެއްވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ. ގްރޫޕްގެ ފުލުގައި ދެ ޕޮއިންޓާ އެކު އޮތީ އިންޓަ މިލާނެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބަޔާން މިއުނިކުން ވަނީ އާރްބީ ސަލްޒްބާގްގެ މައްޗަށް 6-2 އިން މޮޅުވެފައެވެ. އޮލިމްޕިއާކޯސްގެ މައްޗަށް 3-0 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދިއިރު، ޕޯޓޯ އިން ވަނީ 3-0 އިން މާސޭގެ މައްޗަށް ކުރި ހޯދާފައެވެ.