Last Updated: April 27, 09:26
Saturday, April 27, 2024
ރިޕޯޓް

މަސްހުނި ރުނބައެއްގެ ތެރެއިން ނޮވެންބަރު ތިނެއް


އިއްޔެއަކީ ނަސްރުގެ ދުވަހެވެ. ތަމަޅަ ކުލީ ސިފައިންގެ ބަޔަކު ހަތިޔާރާއެކު މާލެއަރައި މީގެ ބައްތިރީސް އަހަރުކުރިން ދިން އުދުވާނީ ހަމަލާ ނާކާމިޔާބުވެ ދިވެހީންނަށް ނަސްރު ލިބުނު ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ނޮވެންބަރު ތިންވަނަ ދުވަހު އެހަނދާންތައް އާކުރަމުން މިހިސާބަށް އާދެވުނުއިރު އަދިވެސް ޖަވާބުނުލިބޭ ތިން ހަތަރު ސުވާލެއް އެބައޮތެވެ. ނޮވެންބަރު ތިނެއްގެ ހަމަލާ ރޭވުމުގައި ބޭރު ގައުމެއްގެ ޖާސޫސީ އިދާރާއިން ދައުރެއް އަދާކުރިހެއްޔެވެ.

އެހާދިސާއަށް އަހަރު ނުވަނީސް ޕްލޯޓް ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަމް މަރައިލީ ކޮންބަޔަކު ކޮން މަގްސަދެއްގައި ހެއްޔެވެ. ދިވެހިރާއްޖޭގެ ވެރިކަން ލުތުފީއަށް ހޯދައިދެވުނީމާ ބަދަލުގައި ޕްލޯޓް ޖަމާއަތަށް ދޭން ހަމަޖެހިފައިއޮތީ ކޮން އިނާމެއް ހެއްޔެވެ. 

އެކި މީހުން އެކިގޮތަށް މި ސުވާލުތަކުގެ ޖަވާބު ދެމުންގެންދެއެވެ. އެކަމަކު އެއްބަޔަކަށްވެސް ހެއްކާއެކު އެއްވެސް ކަމެއް ސާބިތުކޮށެއް ނުދެވެއެވެ. ބަހުސްތަކަށް ނިމުމެއް ނާދެއެވެ. ޝައްކުތަކަށްވެސް ނިމުމެއްނާދެއެވެ.

އިއްޔެ ރާއްޖޭގެ އެކި ނޫސްތަކުން ނޮވެންބަރު ތިނެއް ސިފަކޮށްދީފައިހުރި ގޮތް ބަލައިލީމާ ހިތަށް އެރިއެވެ. ކަމުގެ ހަގީގަތް ފޮރުވައި ގިރިޓީކުރާން ބޭނުން ބަޔަކުވެސް އެބައުޅޭތާއެވެ. އިންޑިޔާ ސިފައިންނާ ހަވާލާދީ އެމީހުންގެ ނަޒަރަކީ ސައްހަކަން އެންމެ ބޮޑު ނަޒަރުކަމަށް ހަދާން ކަމަރު ބަނދެގެން އުޅޭބަޔަކުވެސް ތިބީތާއެވެ. 

މިމަންޒަރު ފެނުނީމާ ޒާތްޒާތުގެ ޚިޔާލުތައް ހިތުތެރެއަށް ޖަމާވެގެންފިއެވެ. މަސްހުނި ރުނބައެއްގެ ސިފައިގައި އެޚިޔާލުތަކާއި ޝުއޫރުތައް މި ބަންޑުންކޮށްލަނީއެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ތެރެއިން ނަވާރަ މީހަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ގިނައީ ސިފައިންގެ ބޭކަލުންނެވެ. ދުވަހުގެ ބަތޮލުކަމުގައިވާ ކުޅުދުއްފުށީ ޝަހީދު ހުސައިން އާދަމްވެސް ހިމެނެނީ އޭގެ ތެރޭގައެވެ. ހުސައިން އާދަމަކީ ސިފައިންގެޔަށް ހަމަލާ އަމާޒުވި ވަގުތު ސިފައިންގޭގެ މައިދޮރާށީގައި ފާރަޔަށް ތިބި ދެމީހުންގެ ތެރެއިން އެކެކެވެ.

ބިދޭސީ ކުލީސިފައިން އެއައިގޮތަށް އައިސް ސިފައިންގެޔަށް ނުވަދެވުނީ ހުސައިން އާދަމް ދިން ރައްދު ހަމަލައިގެ ސަބަބުންނެވެ. ހަތަރު މިނިޓަށް ވިޔަސް އަދި ފަސްމިނިޓަށް ވިޔަސް ދުޝްމަނުންނަށް ހުއްޓުން އައީ އެ ހަމަލައިގެ ސަބަބުންނެވެ. 

ދިވެހީންނާއި ދިވެހިރާއްޖެއަށް ލިބުނު ކާމިޔާބީގެ ބިންގަލަކީ އެވަގުތުކޮޅެވެ. އެހެންވީމާ ނަސްރުގެ ދުވަހުގެ ބަތޮލަކީ ހުސައިން އާދަމްކަމާމެދު ޝައްކެއްވެސްނެތެވެ. ހުސައިން އާދަމް ޝަހީދުވީއިރު ހުރީ ޕްރައިވެޓެއްގެ ރޭންކުގައެވެ. އޭނާގެ ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ފަހުން ޑަބަލް ޕްރޮމޯޝަނެއްދީ ކޯޕްރަލްގެ ރޭންކަށް ގެނެސްފައިވެއެވެ. އެހެންނަމަވެސް އަޅުގަޑު ހިތަށް އަރަނީ ޝަހީދު ހުސައިން އާދަމުގެ ގުރުބާނީއާއި އެ ގުރުބާނީގެ ނަތީޖާއަށް ވިސްނާއިރު ކޯޕްރަލްގެ ދެފަށުން މިކަން ފަރުޖައްސައިލެވިދާނެބާވައެވެ. 

އަޅުގަޑު ގަބޫލުކުރާގޮތުގައި ފަރުޖެއްސޭކަށްނެތެވެ.

ބިދޭސީ ކުލީސިފައިންނަށް ސިފައިންގޭގެ ތެރެޔަށް ނުވަދެވުނީ ހުސައިން އާދަމުގެ ސަބަބުންނެވެ. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުނީ ކުލީސިފައިންނަށް ސިފައިންގޭގެ ތެެރެޔަށް ނުވަދެވިގެންނެވެ. އެތަން ނުހިފިގެންނެވެ. އެހެންވީމާ ކަމުގެ އެކޮޅުމިކޮޅަށް ބަލައިފައި ހުސައިން އާދަމަށް ދޭންޖެހެނީ ދެފަށެއް ނޫނެވެ. ޕްރައިވެޓަކަސް އޭނާ ނެރުނީ ބަތަލެއްގެ ހިތްވަރެވެ. ނެރެދިނީ ގައުމީ ނަތީޖާއެކެވެ. އެންމެ ދަށްވެގެންވެސް އޮފިސަރެއްގެ ރޭންކު އޭނާއަށް ހައްގެވެ. މި ދަނޑިވަޅުގައި އަޅުގަޑު އެކަމަށް އިލްތިމާސްވެސް ކުރަމެވެ. ބައެއް މީހުން ބުނުން އެކަށީގެންވެއެވެ. އެއޮތީ ޑަބަލް ޕްރޮމޯޝަނެއްދީފައެވެ. ގައުމީ ބޮޑު އިމާރާތަކަށްވެސް އެހެރީ ހުސައިން އާދަމުގެ ނަމުން ނަންދީފައެވެ. އަދިވެސް ކިތަންމެ ކަމެއް ކޮށްދީފައިވެއެވެ.

އަދިވެސް ބުނެފާނެއެވެ. މިލިޓަރީ ރޭންކަކީ ތިޔަހެން އުސޫލެއް ހަމައެއްނެތި ޖަޒުބާތުގައި ޖެހިގެންތިބެ މައްޗަށް ޖައްސައިލެވޭ އެއްޗެއް ނޫނެވެ. ތައުލީމާއި ތަޖުރިބާޔާއި މިހެންގޮސް އެތައްކަމަކާއި އުސޫލުތަކެއް ތިޔަކަމަށް އެކަށައެޅިފައިއޮވެއެވެ. މިކަހަލަ ވާހަކަޔަށް އަޅުގަޑު ދޭންއޮތް ޖަވާބަކީ ތިޔަ އުސޫލުތަކަކީ އަޅުގަޑުމެން އަމިއްލަޔަށް ހަދައިދައިވާ އުސޫލުތަކެކެވެ. މުގުރާން ޖެހުނީމާ މުގުރޭނެއެވެ. ހުސައިން އާދަމްގެ ގައުމީ ޖިހާދަށްވުރެ ފުރިހަމަ ޖިހާދެއް ފަހުގެ ތާރީޚެއްގައި ދިވެއްސަކު ނުކުރެއެވެ. އެހެންވީމާ އެޖިހާދަށް ކޯޕްރަލެއްގެ ދެފަށަކުން ނުފުދޭނެއެވެ. 

ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ދިވެހީންގެ ތެރެއިން އެންމެ އިސްމީހަކަށްހުރީ ހާޖަރާގޭ ލުތުފީއެވެ. އޭނާއަކީ އެދުވަސްވަރު އާދައިގެ ވިޔަފާރިވެރިއެކެވެ. މިވަރުގެ މީހަކަށް ތަމަޅަ ހަގުރާމަވެރިންގެ ތެރެއިން އަރައިހުރި އިސް ލީޑަރަކާ ބައްދަލުވެ ރައްޓެހިކަން އުފައްދައި އަމިއްލަ ކަންކަމު ކިޔާން ފުރުސަތު ލިބޭނޭބާވައެވެ. އަޅުގަޑު ހިތުން ނުލިބޭނެއެވެ.

ޚާއްސަކޮށް އެދުވަސްވަރަކީ ޕްލޯޓް ޖަމާއަތް އަޑިއަޅައި ޓައިގަރު ޖަމާއަތް މަތިފަޑިޔަށް ޖެހިލާފައިއޮތް ދުވަސްވަރެއްވީމާ ޕްރަބާކަރަންއާ ދެކޮޅުމީހަކު މިވަރުގެ ކަމަކަށް ކުރިމަތިލުމުގެ ފަހަތުގައި ބައިވަރު ސަބަބުތައް ހުންނާނެއެވެ. ޕްލޯޓް ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަމަކީ އާދައިގެ މީހެއް ނޫނެވެ. ޓައިގަރުން ބަލިކަށިކޮށްލުމަށްޓަކައި އޭރު އުމާ މަހޭޝްވަރަމަކީ އިންޑިޔާގެ ޖާސޫސީ އިދާރާގެވެސް ބައިވެރިޔެކެވެ. އަދި ސްރީލަންކާ ސަރުކާރުގެވެސް ސިއްރު ބައިވެރިޔެކެވެ. އެހެންވީމާ ލުތުފީޔާއި އުމާ މަހޭޝްވަރަމް ބައްދަލުވެ އެކަކު އަނެކަކަށް ތައާރަފްވުމުގައި މިހާތަނަށް ހާމަވެފައިނެތް ބޮޑެތި ސިއްރުތަކެއް ހުރުން އެކަށީގެންވެއެވެ.



ބުނެވެއެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް ލުތުފީއަށް ވެރިކަން ހޯދައިދީފިއްޔާ އުމާ މަހޭޝްވަރަމަށް އެއް މިލިޔަން ޑޮލަރާއި ދިހަ މިލިޔަން ޑޮލަރާ ދޭތެރޭގެ އަދަދެއް ދޭން ލުތުފީ ވަނީ ވައުދުވެފައެވެ. އެކަމަކު މިވާހަކަ ޕްލޯޓް ޖަމާއަތުންވެސް އަދި ސީދާ އުމާ މަހޭޝްވަރަމްވެސް ވަނީ ދޮގުކޮށްފައެވެ. އޭނާ ބުނާގޮތުން ލޯލާރިޔެއްވެސް ނުލިބެއެވެ. ދޭކަށްވެސް ހަމަޖެހިފައިނެތެވެ. އެހެންވިއްޔާ ދޭން ހަމަޖެހިފައިއޮތީ ކޮންއެއްޗެއް ބާވައެވެ. ވަރަށް ގިނަ ރިވާތައް ބުނާގޮތުން ޕްލޯޓް ޖަމާއަތުގެ ހަގުރާމަވެރިން ތަމްރީނު ކުރުމަށާއި ހަތިޔާރުތައް ރައްކާކޮށް ފޮރުވުމަށްޓަކައި ދިވެހިރާއްޖޭގެ ރަށެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިރިވާ އެއްވެސް ބަޔަކު ދޮގެއް ނުކުރެއެވެ.

ލަންކާގެ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރާއިރު ތަމަޅަ ހަގުރާމަވެރި ޖަމާއަތްތަކުގެ ހަތިޔާރުތައް އިންޑިޔާ ސިފައިންނާ ހަވާލުކުރާންޖެހެއެވެ. މިކަމުން ނެއްޓިގަތުމަށް ރާއްޖޭގެ ރަށެއްގައި ހަތިޔާރުތައް ފޮރުވުމުގެ ވިސްނުން އޭރު އުފަންވީކަމަށް ވެދާނެއެވެ.

ބުނެވޭގޮތުން މި ވިސްނުން އުފަންވެގެން އެންމެ ފުރަތަމަ އައީވެސް ސްރީލަންކާގެ ސަރުކާރުގެ ތެރެއިން އޭރު އެންމެ ބާރުގަދަ މިނިސްޓަރު ލަލިތު އަތުލަތުމުދަލީގެ ސިކުނޑީގެ އަޑިންނެވެ. މިއީ ޕްރަބާކަރަންގެ ޓައިގަރު ޖަމާއަތް ނިކަމެތިކުރުމުގެ ރޭވުންތަކާ ގުޅިފައިވާ ވިސްނުމެކެވެ. ސްރީލަންކާގެ ސަރުކާރު މިކަމުގެ ތެރެޔަަށް ވަންނަ ހިސާބަކީ އެއީއެވެ. ކަންދިމާކުރިގޮތުން އަތުލަތުމުދަލީވެސް ވަނީ ނޮވެންބަރު ތިނެއްގެ ހާދިސާޔަށް ހަތަރު ފަސްއަހަރެއް ފަހުން ބަޑީގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައެވެ.



އުމާ މަހޭޝްވަރަމް ދުނިޔޭގައި ހުރިނަމަ ބައެއް ސުވާލުތަކުގެ ޖަވާބު ލިބިދާނެއެވެ. އެކަމަކު ނޮވެންބަރު ތިނެއްގެ ހާދިސާޔަށް އަހަރެއްވެސް ނުވަނީސް ކޮންމެވެސް ބަޔަކު ވަނީ ކޮޅުނބުގައި ބަޑިން ހަމަލަދީ އުމާ މަހޭޝްވަރަމް މަރާލައިފައެވެ. ބުނެވެއެވެ. މިއީ ތަމަޅަ ހަގުރާމަވެރިންގެ ތެރެއިން ބަޔަކު ހިންގި އަމަލެކެވެ. އިންޑިޔާގެ ޖާސޫސީ އިދާރާއިން ކުރިކަމެކޭވެސް ބުނެވެއެވެ. ހަމައެހެންމެ ލަންކާ ސަރުކާރުގެ ރޭވުމެކޭވެސް ބުނެވެއެވެ. ކޮންމެ ބަޔަކު ކުރިކަމެއްކަމަށްވިޔަސް އެބަޔަކު މިކަންކުރީ އުމާ މަހޭޝްވަރަމްގެ ދޫ ހިމޭންކުރުމުގެ މަގްސަދުގައިކަމަށް ގަބޫލުކުރެވެއެވެ. އޭނާ ދުނިޔޭގައި ހުރެގެން ނޮވެންބަރު ތިނެއްގެ ހަގީގަތް ހާމަކޮށްފިއްޔާ ބޭޒާރުވެ ޑިޕްލޮމެޓިކް މައްސަލަތަކެއް ހިލިގެންފާނެތީ ދުރާލައި އޭނާގެ ދުވަސްދުއްވައިލީއެވެ. 

ދެންއޮތީ ލުތުފީގެ މައްސަލައެވެ.

ބޭރު ގައުމެއްގެ ސަރުކާރު ނުވަތަ އިދާރާއެއްގެ ބައިވެރިވުން އޮތްނެތް މިންވަރު ލުތުފީއަށް މޭރުންވޭބާވައެވެ. ވާހަކަތަކެއް ދެކެވުނީ ލުތުފީއާއި މަހޭޝްވަރަމާއި ދޭތެރޭގައެވެ. ހުރިހާ ފަންނީ ރޭވުންތަކާއި ތަންފީޒީ ބައި އައީ މަހޭޝްވަރަމުގެ ފަރާތުންނެވެ. އެހެންވީމާ ބޭރުމީހުންގެ ދައުރު ލުތުފީއަށް މޭރުންނުވެ އޮވެދާނެއެވެ. މިހާތަނަށް ލުތުފީ ދުނިޔޭގައި ހުރުމުގެ ސިއްރަކީވެސް ނޮވެންބަރު ތިނެއްގެ ހަގީގަތްތަކާމެދު އޭނާއަށް ބައެއް ކަންކަން އޮޅުންފިލާފައި ނެތުން ކަމަށް ވެދާނެއެވެ.