ކަނޑުފޭރުމާއި ދެކޮޅަށް އައްޑޫ ސިޓީގެ މަސްވެރިން ވެހިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.
މި ވެހިކަލް ބުރު ފަށާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 3:30 ގައި ހިތަދޫ ބަނދަރު ސަރަހައްދުންނެވެ.
މިފަދަ ވެހިކަލެއް ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ލ. ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާއި އެކު "ފަސްކުރި" ދޯންޏަށް ބަޔަކު އަރައި އެ ދޯނި ހައިޖެކްކޮށް، ދޯނީގެ ފަޅުވެރިންނަށް ވަނީ ބިރު ދައްކާފައެވެ. އެ ދޯނީގެ ފަޅުވެރިންގެ ގޮތުގައި ތިބީ އައްޑޫގެ މަސްވެރިންނެވެ.
"ފަސްކުރި" ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ. އެ ދޯނީ ވިއްކި މީހާ ބުނީ ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރިކަމާއި އެކު ދޯންޏަށް އަރައި، ދޯންޏާއި ހަވާލުވެފައިވާ ކަމަށެވެ. އަދި ދޯނި ހައިޖެކް ކުރި ވާހަކަ އޭނާ ދޮގު ކުރެއެވެ.
ނަމަވެސް ދޯނީގެ ފަޅުވެރިން އެވާހަކަ ދޮގު ކުރެއެވެ. ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 27 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށާއި ދޯނިން ނުފައިބާނަމަ "ކޮށާލާނެ" ކަމުގެ އިންޒާރު ވެސް ދިން ކަމަށް ފަޅުވެރިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން 16 މީހަކު ހައްޔަރުކުރި ނަމަވެސް އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ އެންމެން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްދޭން ފުލުހުން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.