Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ

ޑޮނަލްޑް ޓްރަމްޕް - ފޮޓޯ: ގެޓީ އިމޭޖެސް

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

އެމެރިކާގައި އިއްޔެ ކުރިއަށްދިޔަ ވޯޓުލުމުގެ ނަތީޖާތައް އިއުލާންކުރަން މިހާރު ފަށާފައިވާއިރު، އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އަށް 238 ވޯޓު ލިބިވަޑައިގެންފައިވާއިރު ޓްރަމްޕް ލިބިވަޑައިގެންނެވީ 214 ވޯޓެވެ. ރައީސް ކަމަށް އިންތިހާބު ވާނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

މީގެ އިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އިންތިހާބުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެގޮތުން ގާނޫނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ނިންމައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ހަދާފައިވާ ގޯހެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ.

އަދި އިންތިހާބު ކާމިޔާބު ކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ ވޯޓާއި ގުޅުންހުރި ހުރިހާ ކަމެއް ހުއްޓުވަން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި މިއީ ހިތާމަވެރި ވަގުތުކޮޅެއް ކަމަށާއި ނަމަވެސް އެމެރިކާ އަށް ދިމާވެފައިމިވަނީ ލަދުވެތި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް މިގޮތަށް ވިދާޅުވިއިރު މި އިންތިހާބުގައި ނުގުނި އަދި އެތައް މިލިއަން ވޯޓެއް އެބަ ހުއްޓެވެ. އެގޮތުން މެއިލް މެދުވެރިކޮށް ވެސް ގިނަ ބަޔަކު ވޯޓު ލާފައިވާއިރު، އެ ވޯޓުތައް ގުނުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

އަދި އިންތިހާބު ކާމިޔާބު ކުރެވުނު ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއްވެސް ރަސްމީ އިދާރާ އަކުން ވެސް މިކަން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު އިންތިހާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓެއް ސީދާ އެނގެން އަދި ދުވަސްތަކެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.