Last Updated: July 22, 21:03
Tuesday, July 22, 2025
ޚަބަރު

މި މަހުގެ 8 ގެ ކުރިން ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ނިންމަނީ

ހޯރަފުށީ އެއާޕޯޓުގެ ރަންވޭ - ފޮޓޯ: އެމްޓީސީސީ

ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން، ރަންވޭ އެޅުމުގެ މަސައްކަތުގެ 99 ޕަސެންޓާއި، ޓަރމިނަލް ބިލްޑިންގ އެޅުމުގެ 75 ޕަސެންޓް މަސައްކަތާއި، ފަޔަރ ބިލްޑިންގ އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި އަމާޒަކީ މި މަހުގެ 8 ގެ ކުރިން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމުން ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 37،425 އަކަ މީޓަރުގެ ރަންވޭއެއް އެޅުމާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އެޅުމާއި، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ޤާއިމުކުރުމާއި، ޕަސެންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.