ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުސާރަ ކުޑަ ކުރި މައްސަލަ ބާތިލު ކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފިއެވެ.
ގާނޫނަކުން ރައީސްގެ މުސާރަ ނިންމާފައިވަނިކޮށް އެގާނޫނަށް ބަދަލު ނުގެނެސް މަޖިލިސްގެ ކޮމެޓީއަކުން ނިންމާ ރިޕޯޓަކަށް ބިނާކޮށް ނިންމާ ނިންމުމަކުން ރައީސްގެ މުސާރަ އާއި އެލަވެންސް އުނި ނުކުރެވޭނެކަމަށް ބައެއް ގާނޫނީ ފަރާތްތަކުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ.
އެކަމާ ގުޅޭ ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމްއެވެ.
އެ މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ސުޕްރީމް ކޯޓަށް އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ބެލުމަށް ކަމަށާއި މުސާރަ ކުޑަކުރި މައްސަލައަކީ އެފަދަ މައްސަލައެއްކަން ހަލީމަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ދެން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.