ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން ތައްޔާރުކުރަންޖެހޭ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ޕްލޭން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަޤްސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، މިދާއިރާ ތަރައްޤީކޮށް ކުރިއަރުވައި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. މިއީ 5 އަހަރުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ މައިގަނޑު 6 ސިޔާސަތު ބިނާވަނީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެނަށް ކަށަވަރުކޮށްދިނުމަށާއި، ތިމާވެއްޓާ ރައްޓެހި، ޚަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށާއި، ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށާއި، މިދާއިރާއަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށާއި އަދި ފެންބޮޑުވުމުގެ ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނަކީ މިދާއިރާގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ބޭނުން ހިފިގެންދާނެ ޕްލޭނެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މިކަމާގުޅުންހުރި ވުޒާރާތަކާ ކުންފުނިތަކާ އޮފީސްތަކާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުންނެވެ.
މިއަދު މި އިފްތިތާޙްކުރެވުނު ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނަކީ މިދާއިރާ ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ހުޅުވާލެވިގެން ދިޔަ އިތުރު ދޮރެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ސިފަކުރެއެވެ.