Last Updated: February 24, 22:20
Wednesday, February 24, 2021
ޚަބަރު

ހުރިހާ ފްލައިޓްތައް ގްރައުންޑްވެ، ފްލައިން ސްކޫލް ހުއްޓުމަކަށް!

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ހުރިހާ ފްލައިޓްތަކެއް ގްރައުންޑްވެ، އެ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރަކު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ ޖެނުއަރީ މަހު 172 އާރްޖީ ފްލައިޓް ވެއްޓުނު ފަހުން އެ ސްކޫލްގައި އޮތީ ޖުމްލަ 11 ފްލައިޓް ކަމަށެވެ. ނަމަވެސް ކޮވިޑް-19 އަށް ފަހު ސްކޫލް އަލުން ހުޅުވުނުއިރު ފްލައި ކުރަމުން އައިސްފައިވަނީ އެންމެ ތިން ފްލައިޓް ކަމަށާއި އަނެއް 8 ފްލައިޓް ގްރައުންޑްވީ ސްކޫލްގައި އެއާވޯދިނެސް މެނޭޖަރެއް ނެތުމުން ކަމަށް އެ ދަރިވަރު ބުންޏެވެ.

އަދި އެއާވޯދިނެސް މެނޭޖަރެއް ނެތުމުން މިހާރު ސްކޫލްގައި އޮޕަރޭޓް ކުރުމަށް އޮތް ތިން ފްލައިޓް ވެސް ގްރައުންޑް ވެފައިވާ ކަމަށާއި އޭގެ ސަބަބުން ދަރިވަރުންގެ ފްލައިން އެއްކޮށް ހުއްޓިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެއާވޯދިނެސް މެނޭޖަރަކީ ފްލައިޓުތަކުގެ މެއިންޓެނެންސްގެ ކަންކަން ފުރިހަމަ ވެފައި ހުރިތޯ ބަލައި އަދި ހުރިހާ ޓެކްނިކަލް ރެކޯޑުތަކެއް ހުރީ ރަނގަޅަށްތޯ ބެލުމާއި ހަވާލުވެ ހުންނަ ފަރާތެވެ.

"އެ ތިން ފްލައިޓު ވެސް އިއްޔެ އިން ފެށިގެން ވަނީ އެއާވޯދިނެސް މެނޭޖަރެއް ނެތުމުން ގްރައުންޑް ވެފައި. ގާތްގަނޑަކަށް ހަ މަސް ވެއްޖެ އެއާވޯދިނެސް މެނޭޖަރެއް ސްކޫލްގައި ނެތި. މިކަން ހައްލުކުރަން ސްކޫލުން މަސައްކަތް ކުރަމުން އައިނަމަ މިކަން އޮންނާނީ ހައްލުވެފައި" އެ ދަރިވަރު ބުންޏެވެ.

ހަ މަސް ވެގެންދިޔައިރު ވެސް އެއާވޯދިނެސް މެނޭޖަރެއް ނެތުމަކީ ސްކޫލްގެ އިހުމާލެއް ކަމަށް ދަރިވަރުން ތުހުމަތު ކުރެއެވެ. އެގޮތުން އެއާވޯދިނެސް މެނޭޖަރެއް ނެތުމުން ފްލައިޓުތައް ގްރައުންޑް ވާނެ ކަމާއި، އޭގެ ސަބަބުން ދަރިވަރުންގެ ފްލައިން ހުއްޓުމަކަށް އަންނާނެކަން އެނގޭއިރު ވެސް އަޅާ ނުލައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ދަރިވަރުން ބުނެއެވެ.

"ފްލައިން ހުއްޓުމުން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ، ފްލައި ކުރަންޖެހޭ ގަޑިތައް އިތުރުވުމާއެކު، އަތުން އަނެއްކާވެސް ގިނަ އަދަދަކަށް ފައިސާ ހޭދަވުން. އަދި ކޯސް ނުނިމި ދިގުލައިގެންދާ ކޮންމެ ދުވަހަކީ ވެސް އަތުން އެތައް ހަރަދެއްދާ ދުވަހެއް" ދަރިވަރު ބުންޏެވެ.

200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ފްލައިން ސްކޫލްގައި ހުރި ގިނަ މައްސަލަތައް ހައްލުކުރަން ކަމާބެހޭ އިދާރާތަކުން ވަނީ މިދިޔަ މަހު އެ ސްކޫލަށް އަންގާފައެވެ. އެ އެންގުމާއެކު ސްކޫލުން ދަރިވަރުންނަށް އިތުރު ފިއްތުންތައް ކުރިމަތި ކުރަން ވަނީ ފަށާފައެވެ. އެގޮތުން ބައެއް ދަރިވަރުންނަށް ތިން މަސްތެރޭގައި އިމްތިހާނު ނިންމުމަށް އަދި އެ މުއްދަތުގެ ތެރޭގައި މުޅި ކޯސް ނިންމުމަށް ވެސް ސްކޫލުން ވަނީ އަންގާފައެވެ.

އެގޮތުން އެ މުއްދަތުގައި މި ކަންކަން ފުރިހަމަ ނުވެއްޖެނަމަ ކޯހުން ދަރިވަރުން ވަކިވާނެ ކަމުގެ އިންޒާރު ސްކޫލުން ވަނީ ދީފައެވެ. ތިން މަސްތެރޭ އެގްޒާމް ނިންމަން ސްކޫލުން އެންގިއިރު، ސިވިލް އޭވިއޭޝަނުގެ ގަވާއިދު ބުނާގޮތުން އެގްޒާމް ފަށާ ތާރީހުން ފެށިގެން އެގްޒާމް ނިންމަން 18 މަސް ދޭންޖެހެއެވެ.