Last Updated: April 20, 10:15
Saturday, April 20, 2024
ދީން

ރަސޫލުﷲ ﷺ ދިފާއުކުރަންވާ ގޮތަކީ ކޮބާ؟

'އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވިން.' (ސޫރާ އިންޝިރާ، އާޔަތް 4) މިއާޔަތަށް އެކަނި ނަޒަރުހިންގިޔަސް ރަސޫލުﷲ ﷺ ގެ މާތްކަމާއި މަތިވެރިކަން ކަށަވަރުވެއެވެ.

ވިސްނާށެވެ! ﷲގެ ނަންފުޅު ގެނެވޭ ކޮންމެ ތަނެއްގައި ރަސޫލުﷲ ﷺ ގެ ނަންފުޅުވެއެވެ. ޝަހާދަތުގެ ދެ ކަލިމައިގައި އެނަންފުޅުވެއެވެ. ބަންގިއާއި ޤަމަތުގައި އެކަލޭގެފާނުގެ ނަންފުޅުވެއެވެ. ނަމާދެއް ފުރިހަމަވަނީ އެނަމާދެއްގައި އެކަލޭގެފާނަށް ޞަލަވާތްކިޔަވައިގެންނެވެ. ހުކުރު ޚުޠުބާ ފުރިހަމަވަނީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިގެންނެވެ.

އެކަލޭގެފާނުގެ ނަންފުޅު އިވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ މައްޗަށް ސަލާމް ލައްވަންޖެހެއެވެ. އެކަލޭގެފާނަށް ސަލާމްނުލައްވާ މީހާ ފާފަވެރިވެއެވެ. އަދި އެކަލޭގެފާނަށް ތަބާނުވުން ކުފުރުގެތެރޭގައި ލެއްވިއެވެ. ދުނިޔެ ގިޔާމަތާޖެހެންދެން ކޮންމެވެސް ތާކުން އަބަދުވެސް ބަންގީގެ އަޑުއިވޭނެއެވެ. ޔަޢުނީ ރަސޫލުﷲ ﷺ ގެ ނަންފުޅު އަބަދު އިވޭނެއެވެ.

ފަރަންސޭސީ ރައީސް މެކްރޯން ކިއެއްތަ މުޅި ދުނިޔެ ނިކުމެ އެކަލޭގެފާނަށް ފުރައްސާރަކުރިއަސް އެކަލޭގެފާނުގެ ޢިއްޒަތާއި ކަރާމަތުން ޒައްރެއްގެ މިންވަރުވެސް އުނިވެގެންނުދާނެއެވެ. 'ހަމަކަށަވަރުން ކަލޭގެފާނަށް ފުރައްސާރަކުރާ މީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ' (ސޫރާ ޙިޖުރު، އާޔަތް 95) މިއާޔަތަށް ފިކުރުހިންގުމުން ކަށަވަރުވާކަމަކީ ދުނިޔޭގައި ތިބި ހުރިހާ ޣައިރު މުސްލިމުން ނިކުމެ އެކަލޭގެފާނަށް ފުރައްސާރަކުރިޔަސް އެކަމުން އެކަލޭގެފާނުގެ މަތިވެރިކަމަށް ކުޑަވެސް އުނިކަމެއް ނާންނާނެކަމެވެ. '…….އަދި ﷲ ގެ ރަސޫލާ ﷺ އަށް ފުރައްސާރަކުރާ މީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.' (ތައުބާ ސޫރާ، އާޔަތް 61) މިއާޔަތުން އެނގެނީ އެކަލޭގެފާނަށް މަލާމާތްކުރާ މީހުންނަށް ހުރި ޢަޒާބުގެ ބޮޑުކަމެވެ.

ކަން މިހެންހުރިކަމުގައިވިޔަސް ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް އެކަލޭގެފާނަށް ހަޖޫޖަހާއިރު އެކަމަށް އަޅާނުލާ ތިބުމަކީ އަހަރެމެން މުސްލިމުންނަށް ކުރެވޭނެކަމެއް ނޫނެވެ. އަދި އެއީ މުސްލިމުން ކޮށްގެންވާނެކަމެއްވެސްނޫނެވެ. އަދި އެކަލޭގެފާނަށް ފުރައްސާރަކުރެވޭ ހިނދު އެކަމަށް އަޅާނުލާތިބުމަކީ މުސްލިމުން ފާފަވެރިވާނޭކަމެކެވެ. އެހެންވެ ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް ހަޖޫޖެހުމުން އެކަލޭގެފާނުގެ ދިފާއުގައި ނިކުތުމަކީ އަހަރެމެން މުސްލިމުންގެ ވާޖިބެކެވެ. މިބޮޑު ޒިއްމާ އަހަރެމެން އުފުލަންޖެހެނީ ވިސްނުންތެރިކަމާއެކީ ހިކުމަތު އަމަލީ ބޭނުންކޮށްގެންނެވެ. މިކަންކުރަންޖެހޭނީ އެކަމަށް ބޭނުންވާ އެންމެމޮޅު ހަތިޔާރުގެ އެހީގައެވެ. އެއީ ކީރިތި ޤުރްއާނާއި ރަސޫލުﷲ ﷺ ގެ އުޅުއްވިގޮތެވެ. އެކަލޭގެފާނުގެ މާތް ނަމޫނާއެވެ.

މިދަނޑިވަޅުގައި އަހަރެމެން އެންމެ ފުރަތަމަ ބަލަންވީ ޣައިރު މުސްލިމުންގެތެރެއިން ބައެއް މީހުން ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް އެކަލޭގެފާނު ކުޑައިމީސްކުރާ ސަބަބަށެވެ. މިސުވާލުގެ ޖަވާބު ކީރިތި ޤުރްއާނުން ލިބެއެވެ. ﷲ އަންގަވަނީ އެބޭކަލަކަށް ފުރައްސާރަކޮށް މަލާމާތްނުކުރާ ރަސޫލު ބޭކަލަކު ﷲ ނުފޮނުއްވާކަމަށެވެ. ރަސޫލުﷲ ﷺ ދީނަށް ގޮވައިލެއްވިއިރު އެކަލޭގެފާނާ ދެކޮޅަށް ދީނުގެ ޢަދުއްވުން ބޭނުންކުރި ބަސްތައް ފިޔަވާ އާބަހެއް މިއަދުވެސް ދީނުގެ ޢަދުއްވުން ބޭނުމެއްނުކުރެއެވެ. ރަސޫލު ﷲ ﷺ ގެ ރަސޫލުކަމުގައި އެކަލޭގެފާނާއި ދެކޮޅަށް ދީނުގެ ޢަދުއްވުން ނިކުތް ސަބަބުތަކާ ދީނުގެ ޢަދުއްވުން މުސްލިމުންނާ ދެކޮޅަށް މިއަދު ނިކުންނަ ސަބަބު ވަރަށްބޮޑަށް ތަފާތެވެ. މިދެބައި މީހުންގެ ތަފާތު ދެނެގަތުމަކީ އެކަލޭގެފާނުގެ ދިފާއުގައި ނިކުންނައިރު މުސްލިމުންނަށް މުހިންމު ކަމެކެވެ.

ރަސޫލުﷲ ﷺ ގެ ރަސޫލުކަމުގައި އެކަލޭގެފާނާއި ދެކޮޅަށް މުޝްރިކުން ނިކުތީ ޙައްޤާއި ޢަދުލުވެރިކަމާއި އަމާނާތްތެރިކަމަށް އެކަލޭގެފާނު ގޮވައިލެއްވުމުންނެވެ. ފަސާދައާއި މަކަރާއި ހީލަތާއި އަނިޔާވެރިކަމާ ދެކޮޅު ނިޒާމަކަށް އެކަލޭގެފާނު ޖާގަދެއްވުމުންނެވެ. ތައުހީދުގެ މައްޗަށް އެކަލޭގެފާނު ގެންނެވި އިންގިލާބުގެ ތަނބުތަކަކީ ޙައްޤާއި ޢަދުލުވެރިކަމާއި ހަމަހަމަކަމެވެ. މިއީ ބޮޑާކަމާއި ކިބުރުވެރިކަމާއި އަނިޔާވެރިކަމާ ކާފިރުކަމަށް ގެނބިފައި ތިބި ޤުރައިޝުންނަށް ހަޖަމްނުކުރެވުނު ބަދަލެކެވެ. ނަތީޖާއަކަށްވީ ރަސޫލު ﷲ ﷺ ހުއްޓުވަން ކުރެވެނެހުރި ހުރިހާކަމެއް އެމީހުން ކުރުމެވެ. އެގޮތުން އެމީހުން ކުރި އެއްކަމަކީ އެކަލޭގެފާނަށް ފުރައްސާރަކުރުމެވެ.

މިއަދު ދީނުގެ ޢަދުއްވުން މުސްލިމުންނާ ދިމާކުރަނީ ސިޔާސީ އިގުތިސާދީ އަދި އިޖުތިމާޢީ ސަބަބުތަކަށްޓަކައެވެ. އެއްގޮތަކަށްވެސް އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިންސާފުވެރިކަމުގެ ސަބަބަކުންނޫނެވެ. ދީނުގެ ޢަދުއްވުންނަށް އިސްލާމީ ދުނިޔެއިން ފެންނަނީ ޚުދުމުޚުތާރުވެރިކަމާއި ބޭއިންސާފާއި އަނިޔާއެވެ. މުސްލިމުންގެ މެދުގައި ހިނގާ އަހުލީ ނުވަތަ މަޒުހަބީ ހަނގުރާމަތަކެވެ. އަދި އެމީހުންނަށް މުސްލިމުން ފެންނަނީ ދުނިޔޭގެ އެތަންމިތަނުގައި ބޮންގޮއްވާ މީހުން މަރާ މީހުންގެ ގޮތުގައެވެ. މިއަދު ދީނުގެ ޢަދުއްވުންނަށް މުހިންމުވަނީ މުސްލިމުންގެ އަތުގައިހުރި ޤުދުރަތީ މުއްސަނދިކަމެވެ. ދީނުގެ ޢަދުއްވުން ދުނިޔަވީ މޮޅު ހޯދަން ކުރާ ދަތުރުގައި މުސްލިމުން ހުރަހަކަށްވެއެވެ. އެއީ ސިޔާސީގޮތުން ނުވަތަ އިގުތިސާދީގޮތުން ނުވަތަ އިޖުތިމާޢީގޮތުންނެވެ. އެފަދަ ހާލަތްތަކުގައި އެމީހުންގެ ނަފުރަތާއި ރުޅިވެރިކަން އިސްލާމް ދީނަށް ނުވަތަ މުސްލިމުންނަށް އަމާޒުވެއެވެ. އެހިސާބުން އެމީހުން އިސްލާމް ދީނަށާއި ރަސޫލު ﷲ ﷺ އަށާއި ކީރިތި ޤުރްއާނަށް ފުރައްސާރަކުރެއެވެ.

ރަސޫލުﷲ ﷺ ދިފާއުކުރުމަށްޓަކައި ފުރަތަމަ ބަލަންޖެހެނީ އެކަލޭގެފާނު ކަންތައް ކުރެއްވިގޮތަށެވެ. މައްކާގައި ދީނަށް ގޮވައިލެއްވިއިރު އެކަލޭގެފާނުގެ އަތްޕުޅުގައި މާބޮޑު ބާރެއްނެތެވެ. އެހެންވެ އެކަލޭގެފާނުގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ހެއްދެވީ ކެތްތެރިކަމާއެކު ދުޢާކުރެއްވުމެވެ. އިސްލާމްވެ އެކަލޭގެފާނަށް ތަބާވި މުސްލިމުންނަށް ލާއިންސާނީ އަނިޔާ ލިބެމުން ދިޔައިރު އެކަމަށް ރަސޫލުﷲ ﷺ ކުރެއްވީ ދުޢާއެވެ. މުޝްރިކުންގެ އަނިޔާގައި ސުމައްޔާއާއި އެކަމަނާގެ ފިރިކަލުން ޔާސިރު ޝަހީދުވެވަޑައިގަތީ ރަސޫލުﷲ ކުރިފުޅުމަތީގައެވެ.

އެކަލޭގެފާނާދިމާއަށް ޤުރައިޝުން 'މުޒައްމަމް' (އެކަލޭގެފާނަކީ ލަދުވެތިކަމެއްކަމަށް) ގޮވިއެވެ. އެކަމަކު އެކަލޭގެފާނު އެމީހުންނާދެކޮޅަށް އިތުރު ކަމެއް ނުކުރައްވައެވެ.

ރަސޫލު ﷲ ﷺ މަދީނާއަށް ހިޖުރަކުރައްވައި ކާމިޔާބާއި ނަސްރުލިބިވަޑައިގަތުމުން ކަންކުރެއްވީ ތަފާތުކޮށެވެ. އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވުމަށްފަހު ﷲ އަމުރުފުޅަށް ދީނުގެ ދަޢުވަތު ފުޅާކުރެއްވިއެވެ. އެކަމަކުވެސް ސީދާ އެކަލޭގެފާނަށް ފުރައްސާރަ އަމާޒުވުމުން އެކަމަށް އިޖާބަދެއްވީ ކެތްތެރިކަމާއި ހިކުމަތްތަތެރިކަމާއެކުއެވެ. މަދީނާގައި ޔަހޫދީންގެ ބަޔަކު އައިސް އެކަލޭގެފާނުގެ ގެކޮޅުގެ ބޭރުގައިތިބެ އެކަލޭގެފާނާ މުޚާޠަބުކޮށް 'އައްސާމް އަލައިކަ' (ކަލެއަށް ހަލާކުހުރި) ގޮވުމުން ރައްދުގައި ޙަދީސްފުޅުކުރެއްވީ 'ވަޢަލައިކަ' (އަދި ތިބާއަށް އެފަދަ) އެވެ.
ކީރިތި ޤުރްއާނުގެ މުފައްސިރު ނުޢުމާން ޢަލީ ޚާން ހާމަކުރާގޮތުގައި ދީނުގެ ޢަދުއްވުން ނުވަތަ ރަސޫލުﷲ ﷺ އަށް ފުރައްސާރަކުރާ މީހުން ދެބަޔަކަށް ބެހެއެވެ.

ރަސޫލުﷲ ﷺ އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރާ ފުރަތަމަ ބަޔަކީ ހުރިހާ ކަމެއް އެނގިތިބެ އެކަންކުރާ މީހުންނެވެ. މިއީ ފާތިޙާ ސޫރަތުގައި ﷲ ބަޔާންކުރައްވާ މަޣުޟޫބި މިބަޔަށް ނިސްބަތްކުރެވިދާނެ މީހުންނެވެ. މިމީހުންނަކީ އެމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގައި އިބުލީހުގެ މަގުގައި ތިބި މީހުންނެވެ. މިމީހުންނާ އަބޫ ލަހަބާއި އަބޫޖަހުލާއި ތަފާތެއްނުވެއެވެ. އިސްލާމް ދީން ކިތަންމެ ރަނގަޅުވިޔަސް އެމީހުން އެކަން ގަބޫލެއްނުކުރާނެއެވެ. ރަސޫލުﷲ ﷺ އަކީ ޙައްޤު އެންމެ މާތް ނަބިއްޔާއަށްވިޔަސް އެމީހުން އެކަލޭގެފާނަށް ދޭނީ ފުރަގަހެވެ. ކީރިތި ޤުރްއާނަކީ ﷲ ގެ ކަލާމްފުޅު ކަމުގައިވިޔަސް އެމީހުން އެކަމާ އިންކާރުކުރާނެއެވެ. އެމީހުންނަށް ވިސްނައިދިނަސް އެމީހުން ނުވިސްނާނެއެވެ. އެމީހުންނަކީ ލޮލާއި ކަންފަތާއި ދޫ ހުރިކަމުގައިވިޔަސް ކަނު ބީރު އަދި މަންމަން މީހުންނެވެ.

އެނގިތިބެ އިސްލާމް ދީނަށް ނުވަތަ ރަސޫލުﷲ ﷺ އަށް ފުރައްސާރަކުރާ މީހުން އެކަންކުރުމުގެ އެއްބޭނުމަކީ މުސްލިމުން ރުޅިއަރުވައި އެމީހުން ކެއްކުވުމެވެ. އަދި މުސްލިމުން ލައްވައި އަތުންފައިން ގޯސްހެއްދުމެވެ. އެގޮތަށް މުސްލިމުން ގޯސް ހެދުމުން މުޅި ދުނިޔެއަށް އެކަން ފެންނާނެއެވެ. ބޭނުމަކީ އިސްލާމް ދީނުގެ ޢިއްޒަތާއި ގަދަރުކުޑަކޮށް ދީނުގެ ތަސައްވުރު ކިލަނބުކުރުމެވެ. މިއީ މުސްލިމުން ހޭލަންޖެހޭ ނުކުތާއެކެވެ. ދީނުގެ ޢަދުއްވުން ޖަހާ ކޮންމެ މަޅިއެއްގައި މުސްލިމުން ޖެހިގެން ނުވާނެއެވެ. މުސްލިމުން ޢިލްމާއި ޙިކުމަތުޢަމަލީ ބޭނުންކޮށްގެން އެފަދަ މަޅިތަކުން ސަލާމަތްވާންޖެހެއެވެ. އަދި ދީނަށާއި ނަބިއްޔުންނާއި ރަސޫލުންނަށް އެމީހުން ކުރާ ފުރައްސާރައާއި ކުރިމަތިލާންޖެހެނީ ވިސްނުންތެރިކަމާއެކު ފިސާރިމޮޅަށެވެ. މިނޫންގޮތަކަށް ރައްދުދެވޭ ކޮންމެ ފަހަރަކު ހަގީގަތުގައި އެވައްޓާލެވެނީ ދީނުގެ އަގެވެ.

ރަސޫލުﷲ ﷺ އަށް ފުރައްސާރަކުރާ ދެވަނަ ބަޔަކީ އެކައްޗެއްވެސް ނޭގޭ ނުވަތަ ޣާފިލުކަމުގައިތިބި މީހުންނެވެ. މިއީ ފާތިޙާ ސޫރަތުގައި ﷲ ބަޔާންކުރައްވާ ޟާއްލީން މިބަޔަށް ނިސްބަތްކުރެވިދާނެ މީހުންނެވެ. އެބައިމީހުންނަށް ފެންނަނީ ނުވަތަ އެނގެނީ މުސްލިމުން ކުރާ ތާކުންތާކުނުޖެހޭ ކަންކަން ނުވަތަ މުސްލިމުންގެ ހެއްވާ އުޅުމެވެ. އެއީ ދީނުގެ ނަމުގައި މީހުން މެރުމާއި ބޮން ގޮއްވުމާއި ހަމަނުޖެހުން އުފެއްދުންފަދަ ކަންކަމެވެ. އެބައިމީހުން ދެކޭގޮތުގައި މުސްލިމުން އެގޮތަށް އުޅެނީ އެމީހުންގެ ދީން އެގޮތަށް އުޅުމަށް އަންގާތީ ނުވަތަ ބާރުއަޅާތީއެވެ. އެމީހުންނަށް އިސްލާމް ދީން ރަނގަޅަށް ބުނެދެވިއްޖެއްޔާ އެމީހުންގެ މެދުގައި ހުރި ނޭގުމާއި ޣާފިލުކަން ފިލާދާނެއެވެ. އަދި އިސްލާމް ދީނަށް އެމީހުން ކުރާ ފުރައްސާރައަށް ނިމުން އަންނާނެއެވެ.

ރަސޫލުﷲ ﷺ ގެ ދިފާއުގައި އަހަރެމެން އެންމެފުރަތަމަ ކުރަންވީ ކަމަކީ އިސްލާމް ދީނަށް އުޅުމެވެ. ﷲ ލޯބިވެވޮޑިގެންވާ މަގުގައި ފައިތިލަ ސާބިތުކުރުމެވެ. ދީނުގެ ރުކުންތަކަށް ފުރިހަމައަށް ރައްކާތެރިވުމެވެ. ފަތިސްނަމާދަށް ޖަމާޢަތަށް ދިއުމަކީ އެގޮތުން ކުރަންވީ ފުރަތަމަ ކަންތަކެވެ. އެއަށްފަހު ރަސޫލުﷲ ﷺ ގެ ސުއްނަތުގައި ބާރަށްހިފުމެވެ. އެގޮތުން އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެވޭތޯ ގަދައަޅާ މަސައްކަތްކުރުމެވެ. އެއަށްފަހު މުސްލިމުންނަކީ ސުލްހަވެރިކަމާއި އަމާންކަމުގެ އަހުލުވެރިންކަން ބަހާއި އަމަލުން ސާބިތުކުރަންވީއެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމުގައި އެންމެއަރާތިބި ބަޔަކީ މުސްލިމުންކަން ދައްކަންވީއެވެ. ދީނުގައި ނަހީކޮށްފައިވާ އެންމެހާ ކަންކަމުން ދުރުހެލިވެތިބިއެއްކަން އަމަލުން ދައްކަންވީއެވެ.

ރަސޫލުﷲ ﷺ ގެ ދިފާއުގައި ދެވަނައަށް އަހަރެމެން ކުރަންވީ ކަމަކީ ކިޔަވައި މޮޅުވުމެވެ. ތަޢުލީމީގޮތުން ނުވަތަ ޢިލްމީގޮތުން އެންމެކުރިއަރާފައިވާ މީހުންނަށްވުމެވެ. އެންމެމޮޅު ސައެންސްވެރިންނާއި ޢިލްމުވެރިން ތިބެންވާނީ މުސްލިމުންގެތެރޭގައެވެ. އެންމެ މަޝްހޫރު ޑޮކްޓަރުންނާއި ލޯޔަރުން ތިބެންވާނީ މުސްލިމުންގެތެރޭގައެވެ. އެންމެ ނަންހިނގާ އިންޖިނޭރުންނާއި މާކެޓަރސް ތިބެންވާނީ މުސްލިމުންގެތެރޭގައެވެ. ކޮންމެ ފަންނަކުން ބެލިކަމުގައިވިޔަސް މުސްލިމުން އަންނަންވީ އެއްވަނައަށެވެ. އަދި ކޮންމެ ރޮނގަކުން އެންމެމޮޅު މީހާ ވާންވީ އިސްލާމް ދީނަށް ފުރިހަމައަށް އުޅޭ މީހަކަށެވެ. މިގޮތަށް އަމަލުނުކޮށް ރަސޫލުﷲ ﷺ ދިފާއުކުރުމަކީ މުސްލިމުންނަށް ކާމިޔާބާއެކު ކުރެވޭނެ ކަމެއްނޫނެވެ.

އެންމެފަހު ކަމަކަށް އަހަރެމެން ކުރަންވީ ކަމަކީ ރަސޫލުﷲ ﷺ އަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް ތަހުޒީބުގެ މަގުން ނިކުތުމެވެ. އެގޮތުން އެފަދަ މީހުންނާދެކޮޅަށް ޤާނޫނީގޮތުން ފިޔަވަޅު އެޅުމަށް އަވަސްވެގަންނަންވީއެވެ. ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން އެފަދަ މީހުން ބަލިކުރަންވީއެވެ. މިހުރިހާ ކަމަކުން މުޅި ދުނިޔެއަށް ސާބިތުވާނީ މުސްލިމުންނަކީ ހުރިހާގޮތަކުން އެންމެ ރަނގަޅު އަދި ހެޔޮ ނަމޫނާކަމުގައެވެ. އާޚިރު ނަތީޖާއަކަށްވާނީ މިހާރަށްވުރެވެސް ގިނައިން މީހުން އިސްލާމް ދީނަށް ވަނުމެވެ. ހަޅޭލާ މުޒާހިރާކޮށް ތަންތަންގޮއްވާ މީހުން މެރުމަކީ ރަސޫލުﷲ ﷺ އަށް ކުރާ ފުރައްސާރަ އިތުރުވާނެކަމެކެވެ.