Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ޕެންސިލްވޭނިއާގެ ވޯޓުން ކުރި ހޯއްދަވައި ބައިޑެން ކާމިޔާބީއާ ގާތަށް

ޖޯ ބައިޑެން - ފޮޓޯ: ގެޓީ އިމޭޖެސް

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ މުހިއްމު އެއް ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާގެ ވޯޓުން ކުރި ހޯއްދަވައި ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެގައުމުގެ ރައީސްކަމަށްް ވަޑައިގަތުމާއި ފިޔަވަޅަކާ ގާތަށް ޖެހިވަޑައިގެންފިއެވެ.

އެމެރިކާގައި މިދިޔަ އަންގާރަ ދުވަހު ކުރިއަށްދިޔަ އިންތިހާބުގެ ވޯތުތައް ގުނުން އަދިވެސް ކުރިއަށްދާއިރު، އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. އެގޮތުން ބައިޑެން އަށް 253 ވޯޓު ލިބިވަޑައިގެންފައިވާއިރު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލިބިވަޑައިގެންނެވީ 214 ވޯޓެވެ. ރައީސް ކަމަށް އިންތިހާބު ވާނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

ޕެންސިލްވޭނިއާގެ ވޯޓު ގުނުން ކުރިއަށްދާތާ ދެ ދުވަސް ވެފައިވާއިރު، ވޯޓު ގުނުމުގެ ކުރީކޮޅު އެ ސްޓޭޓުން ކުރީގައި އުޅުއްވީ ޓްރަމްޕެވެ. ނަމަވެސް 95 ޕަސެންޓް ވޯޓު ގުނުން މިހާރު ނިމިފައިވާއިރު، ބައިޑެން ވަނީ 5،000 ވޯޓުގެ ތަފާތަކުން އެ ސްޓޭޓުން ކުރި ހޯއްދަވާފައެވެ.

ޕެންސިލްވޭނިއާގެ ވޯޓު ގުނުން އަދިވެސް ކުރިއަށްދާއިރު، އެ ސްޓޭޓުގެ 20 އިލެކްޓޯރަލް ވޯޓު ބައިޑަން އަށް ލިބިވަޑައިގެންފި ނަމަ ބައިޑެން އަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެއެވެ. އެގޮތުން އޭރުން ބައިޑެން އަށް ޖުމްލަ 273 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެއެވެ.

ޕެންސިލްވޭނިއާގެ އިތުރުން ޓްރަމްޕް ފަހަތަށް ޖައްސާލުމަށްފަހު ޖޯޖިއާ އިން ވެސް ބައިޑެން ވަނީ މިއަދު ކުރި ހޯއްދަވާފައެވެ. ޖޯޖިއާ އަކީ 16 އިލެކްޓޯރަލް ވޯޓުގެ ސްޓޭޓެކެވެ.

އެމެރިކާގެ 46 ވަނަ ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާ ގާތަށް ބައިޑެން ޖެހިވަޑައިގެންފައިވީ ނަމަވެސް މި އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން އިންތިހާބުގެ ނަތީޖާއާ ގުޅިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން ޓްރަމްޕް މިހާރު ވަނީ ނިންމަވާފައެވެ.