ކ. ހުރާއިން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށުން ރެންޑޮމް ސާމްޕަލް މިއަދު ނެގުމަށް ނިންމައިފިއެވެ.
ހުރާގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާ އަށް ނިސްބަތްވާ މިފަތުރުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވުމުން އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ. މިއައިސޮލޭޝަން ފެސިލިޓީއަކީ އެފަތުރުވެރިޔާ ހުރި ގެސްޓް ހައުސްގައި ބާކީ ތިބި ގެސްޓުންނާއި މުވައްޒަފުން އެކަހެރިކޮށް ހުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ފެސިލިޓީއެއް ކަމަށް ބުނެފައިވެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅުކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ޕޮޒިޓިވްވި ފަތުރުވެރިޔާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް މިހާރު ކަރަންޓީނު ކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އަދި ރަށު ތެރެއިން ރެންޑޮމް ސާމްޕަލްތަކެއް ނެގުމަށް ހުރާ ސިއްހީ މަރުކަޒާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެގޮތުން ސާމްޕަލްތައް ނަގާނީ ރަށުގެ ގެސްޓް ހައުސްތަކުންނާއި، ރެސްޓޯރެންޓްތަކާއި ފިހާރަތައް އަދި އާންމު ޚިދުމަތްދޭ ތަންތަނުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އަދި މިހާލަތުގައި ރަށުގެ ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.