Last Updated: July 23, 09:39
Wednesday, July 23, 2025
ޚަބަރު

އާޒިމް، ޝަރީފަށް: ފިޗުން ރޭޓު ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން!

ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ގައުމުތައް ރޭޓު ކުރަނީ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް ބިނާކޮށް ނޫން ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ދެއްކެވި ވާހަކައަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދަށްކޮށްފައިވެއެވެ. އެގޮތުން މިފަހަރު ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ" އަށް ދަށްކޮށްފައި މިވަނީ، ދަރަނި އިތުރުވެފައި ވުމުންނާއި އިގުތަސޯދީ ކުރިމަގު ވަރަށް ބަނަކޮށް ފެންނާތީއެވެ.

ކްރެޑިޓް ރޭޓް ދަށްކުރިކަން އެންގުމުގެ ގޮތުން ފިޗްއިން ނެރުނު ބަޔާނު ވަނީ ރާއްޖޭއަށް ބޭރު ފައިސާ ލިބޭ މިންވަރު ދަށްވުމުން ކަންބޮޑުވާކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އެންމެފަހުން މަޖިލީހުން ފާސްކުރި ގަރާރުގެ ނަތީޖާއަކީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީ އަށް ބަދަލުކުރުން ކަމަށެވެ. އެގޮތުން އެ ގަރާރު ފާސްކުރި ދުވަހު ވެސް އެގޮތަށް އެ ގަރާރު ފާސްކުރަން ހެޔޮ ނުވާނެ ކަމަށް ދެންނެވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި މަޖިލީހުން މި ދަތި ދަނޑިވަޅުގައި ފާސްކުރާ ބައެއް ޒާތުގެ ގަރާރު ފާސްކުރުމުގައި ވަރަށް ވިސްނުންތެރިކަމާއެކު ގައުމުގެ މަސްލަހަތު އިސްނުކޮށްފިނަމަ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުން ވަރަށް ގާތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ފިޗް އިން ގައުމުތަކުގެ ކްރެޑިޓް ރޭޓު ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން ކަމަށެވެ.

"އެމީހުން އެއީ އެ ގައުމެއްގެ ހިސާބު ބަލާފައި ކުރާ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

ދާދިފަހުން މަޖިލީހުން ވަނީ ސަރުކާރަށް ނަގާފައިވާ ދަރަނި ފިޔަވައި، އެހެން ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނުވަތަ ރީ ޕްރޮގްރާމްކުރުމުގެ މަސައްކަތް ލަސްނުކޮށް ފެއްޓުމަށް ސަރުކާރަށް އެންގުމަށް ނިންމައި ރިޕޯޓެއް ފާސްކޮށްފައެވެ. އެ ރިޕޯޓްގައިވާ ގޮތުން، ދައުލަތުގެ ދަރަނި، 2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.