Last Updated: April 25, 09:10
Thursday, April 25, 2024
ކުޅިވަރު

އެވަޓަން އަތުން ޔުނައިޓެޑަށް މުހިއްމު މޮޅެއް

ޕްރިމިއާ ލީގުގައި މިރޭ އެވަޓަންގެ މައްޗަށް 3-1 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު 10 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 13 ވަނައިގައެވެ. އެވަޓަން އޮތީ 13 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗަށް ޔުނައިޓެޑް ނިކުތްއިރު އެންމެފަހުން ލީގުގައި އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން ވެސް ބަލިވެފައިވުމުން މި މެޗުން މޮޅެއް ހޯދުން ޔުނައިޓެޑަށް އޮތީ މަޖުބޫރުވެފައެވެ.

މިއަދުގެ މެޗުގެ ކުރީކޮޅު އެވަޓަން އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 19 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބާނާޑްއެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓްގައި ބްރޫނޯ ފާނަންޑޭސް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗުގެ 32 ވަނަ މިނެޓްގައި ފާނަންޑޭސް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދީފައެވެ. ދެވަނަ ހާފްގައި ވެސް ޔުނައިޓެޑުން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއިރު އެވަޓަންގެ ކީޕަރު ޕިކްފޯޑް ވެސް މުހިއްމު ސޭވްތަކެއް ކޮށްފައިވެއެވެ.

ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އެވެ. މިއީ ޔުނައިޓެޑަށް ބަދަލުވިފަހުން ކަވާނީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ވެސްޓްބްރޮމްއާއެވެ. އެވަޓަން ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.