Last Updated: April 26, 23:59
Saturday, April 27, 2024
ދުނިޔެ

ބައިޑެން އަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

ޖޯ ބައިޑެން - ފޮޓޯ: ގެޓީ އިމޭޖެސް

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ބައިޑެން އަށް މަރުހަބާ ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ރައީސް ވަނީ ކޮވިޑް-19 އާއި އެހެނިހެން ކަންކަމުގައި އެމެރިކާގެ އައު ސަރުކާރާއެކު މަސައްކަތް ކުރަން ރާއްޖެ ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

އެމެރިކާގައި މިދިޔަ އަންގާރަ ދުވަހު ކުރިއަށްދިޔަ އިންތިހާބުގެ ވޯތުތައް ގުނުން އަދިވެސް ކުރިއަށްދާއިރު، އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. އެގޮތުން ރައީސް ކަމަށް އިންތިހާބު ވާނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

އެގޮތުން މިހާތަނަށް ބައިޑެން ވަނީ 273 ވޯޓު ހޯއްދަވާފައެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަތީ 213 ވޯޓެވެ.

އުމުރުފުޅުން 77 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި 46 ވަނަ ރައީސް އެވެ. އަދި ބައިޑެންގެ ނައިބު ރައީސާ، ކަމަލާ ހެރިސް އަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ނައިބު ރައީސާ އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕަކީ 1992 ވަނަ އަހަރަށްފަހު ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމާއި ދުރަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. އެންމެފަހުން ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖޯޖް ބުޝް އެވެ.