Last Updated: April 19, 16:50
Friday, April 19, 2024
ދުނިޔެ

އެމެރިކާ-ފަލަސްތީނުގެ ގުޅުން ވަރުގަދަކުރަން ބައިޑެން އަށް ގޮވާލައިފި

އެމެރިކާ އާއި ފަލަސްތީނުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރަން، އެމެރިކާގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ޖޯ ބައިޑެން އަށް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފިއެވެ.

އައްބާސް މިކަމަށް ގޮވާލެއްވީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ބައިޑެން އަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.

މި މެސެޖުގައި އައްބާސް ވަނީ އެމެރިކާ އާއި ފަލަސްތީނުގެ ގުޅުން ވަރުގަދަކުރަން މަސައްކަތް ކުރުމަށާއި އަދި މެދުއިރުމައްޗަށް ސުލްހަ އާއި ހަމަޖެހުން ގެނައުމަށް މަސައްކަތްކޮށްދެއްވުމަށް ގޮވާލާފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ފަލަސްތީނާ އެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން ފަލަސްތީނުގެ ސަރުކާރާއި އަދި އަރަބި ގިނަ ގައުމުތަކުގެ ގޮވާލުމަށް އިޖާބަ ދިނުމެއް ނެތި ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަށް ނިންމާފައެވެ.

އަދި އެމެރިކާގެ އެމްބަސީ ވެސް ވަނީ ގުދުސް އަށް ބަދަލުކޮށްފައެވެ. އެމެރިކާގެ މި ނިންމުމުން ހިތްވަރު ލިބި އެހެން ބައެއް ގައުމުތަކުން ވެސް ވަނީ އެގައުމުތަކުގެ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފައެވެ.

އުމުރުފުޅުން 77 އަހަރުގެ ބައިޑެން އެމެރިކާގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާނީ އަންނަ ޖެނުއަރީ މަހުއެވެ.