ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގައި ހުށަހަޅަން އެޖެންޑާކޮށްފި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅައި ވޭތުވެދިޔަ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
އަދި އަންނަ މަހުގެ 31 ގެ ކުރިން ބަޖެޓާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.
ބަޖެޓް ހުށަހަޅާފަހުން 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މިމަހުގެ 16 ވަނަ ދުވަހު ބަޖެޓް ބަހުސް މަރުހަލާ ފައްޓަވާނެ ކަމަށާއި އަދި ބަޖެޓްގެ ބަހުސް މަރުހަލާ ނިންމުމަށްފަހު އަންނަ މަހުގެ ކުރީކޮޅު ބަޖެޓް މަޖިލީހުން ފާސްކުރުމަށް މަަސއްކަތް ކުރައްވާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
މަޖިލީހަށް ބަޖެޓު ހުށަހެޅި ކަމަށް ފިނޭންސް އިން ބުނި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.