ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ބޭފުޅަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ޕީއެސްގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ސީއެސްސީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ޓޫރިޒަމަށް ޕީއެސްއެއް ހޯދަން އިއުލާނުކޮށްފައިވަނީ މިހާތަނަށް އެ މަގާމުގައި ހުންނެވި އައިޝަތު ސޫޒަން ހަނީފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސޫޒަން އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުންދަނިކޮށެވެ.
އެ މައްސަލަތައް ބަލައި ނިމެންދެން ސީއެސްސީން ވަނީ މުސާރަ ލިބޭގޮތަށް 30 ދުވަހުގެ މުއްދަތަކަށް ސޫޒަން ސަސްޕެންޑް ވެސް ކޮށްފައެވެ. ސޫޒަން ޕީއެސްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހު 27 ވަނަ ދުވަހުއެވެ.
ޕީއެސްއަކަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 20،500ރ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބޭނެ އެވެ.