މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބުގައި ވާދަކުރުމަށް 28 ފަރާތަކުން ކުރިމަތިލައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ މީީޑިއާ ކައުންސިލަށް އިންތިހާބު ކުރާ އާންމުންގެ ހަތް މެމްބަރުންގެ ގޮނޑިއަށް 14 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ކައުންސިލަށް އިންތިހާބު ކުރާ މީޑިއާތަކުގެ އަށް މެމްބަރުންގެ ގޮނޑިއަށް ވެސް 14 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އިންތިޚާބުގައި ވޯޓުލެވެނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ. މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ.
ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.