Last Updated: July 23, 20:25
Wednesday, July 23, 2025
ޚަބަރު

މާފުށީގައި މާބަނޑު މީހުން ވިއްސޭނެ ނިޒާމެއް ގާއިމުކޮށްދޭން ގޮވާލައިފި

މާފުށީ ސިއްހީ މަރުކަޒު

ކ.މާފުށީގައި މާބަނޑު މީހުން ވިއްސޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް އެ ރަށު ކައުންސިލުން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފިއެވެ.

މާފުށީ ކައުންސިލުން މިކަމަށް ގޮވާލާފައިމިވަނީ އިއްޔެ މާފުށިން ގެންދިޔަ މާބަނޑު އަންހެނަކު ފ.ނިލަންދޫއަށް އަރުވަން ނިލަންދޫ ކައުންސިލުން ދެކޮޅު ހެދި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން އެ އަންހެން މީހާ އެހާ ދިގު ދަތުރެއްކޮށް އެ ރަށަށް ދިޔުމުން ނިލަންދޫ ކައުންސިލުން އެ އަންހެން މީހާ އެ ރަށަށް ނާރުވައި އެފަދަ ގޮތަކަށް ކަންތައް ކުރަން ކެރުމަކީ އެ ފަރާތްތަކުގެ ހިތުގައި އިންސާނިއްޔަތުގެ ޒަރެއްގެ މިންވަރު ވެސް ނެތްކަން ހާމަވާ ކަމެއް ކަމަށެވެ.

އަދި ގެސްޓްހައުސް ހުންނަ ރަށަކުން ގެސްޓްހައުސް ނުހުންނަ ރަށަކަށް ކަރަންޓީނު ވާން ނުޖެހި ޒަރޫރީ ބޭނުންތަކަށް ދަތުރު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލާއި ހިލާފަށް ނިލަންދޫ ކައުންސިލުން އަމަލުކުރުމުގެ ސަަބަބުން މާފުށީ ރައްޔިތުންނަށް ޒަރޫރީ ބޭނުންތަކަށް ދަތުރު ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އަދި ލިބިފައި ނުވާ ބާރެއްގެ ބޭނުންކޮށް ނިލަންދޫ ކައުންސިލުން އަމިއްލަ ގޮތްތަކެއް ގެންގުޅުނު މައްސަލަ ކުށްވެރިކުރާ ކަމަށާއި ސަރުކާރުގެ އިދާރާތަކުން މި މައްސަލަ ބައްލަވައި އެކަންކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން މާފުށީގެ ގެސްޓްހައުސްތައް އަލުން ހުޅުވާލައި، މިވިޔަފާރި މެދުވެރިކޮށް އާންމުން އާމްދަނީ ހޯދަމުންދާ މި ދަނޑިވަޅުގައި މާފުށީ ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަން މަހްރޫމްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

"މާފުށިން ބޭސްފަރުވާގެ ހިދުމަތްތައް ހާއްސަކޮށް މާބަނޑު މީހުން ވިއްސޭނެ ނިޒާމެއް ގާއިމުކޮށްދެއްވާ އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މަގުފަހިކޮށްދެއްވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.