އައިޖީއެމްއެޗާއި ދިމާލު މޫދުގައި މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު މަރުވެފައިވަނީ ގެނބިގެން ކަމަށް އޭނާގެ ޕޯސްޓްމޯޓެމް ރިޕޯޓުން ދައްކައިފިއެވެ.
ފުލުހުން ބުނީ ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާ އަށް ހަށިގަނޑު ގެންގޮސްގެން ހެދި ޕޯސްޓްމޯޓެމްގެ ޕްރިލިމިނަރީ ރިޕޯޓުގައި ސިދުރަތުﷲ މަރުވެފައިވާ ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ގެނބިގެން ކަމަށެވެ. އަދި ސިދުރަތުﷲ ގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު އެއްޗެއް ކައިފައިވުމުގެ ސަބަބުން ލިބިފައި ހުރި ޒަހަމެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓެމް ހެދި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން އެނގޭ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މިހާރުވެސް ޕޯސްޓްމޯޓެމްއާ ގުޅިގެން އިތުރު ބައެއް ތަހުލީލުތައް ރާއްޖެއިން ބޭރުގައި ކުރިއަށްދާކަން ފުލުހުން ފާހަގަކުރެއެވެ.
މީގެއިތުރުން މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އަދިވެސް ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ސިދުރަތުﷲ ގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިޝާ ނަމާދަށްފަހު ވަނީ ވަޅުލާފައެވެ. ސިދުރަތުﷲ ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލީ އޭނާގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ނުބެލެވޭތީ ކަމަށް ފުލުހުން ބުނެއެވެ.