Last Updated: July 23, 20:25
Wednesday, July 23, 2025
ޚަބަރު

ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް

ކަނޑިންމަ ރިސޯޓުން އިތުރު ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ އެ ރިސޯޓުގައި ކަރަންޓީނުގައި ތިބި ބަޔަކުވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް އަރާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި 44 ފަރާތެއް ދެނެގަނެވިފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ.

ކަނޑިންމަ ރިސޯޓުން ސާމްޕަލްތަކެއް ނަގަން ފަށާފައިމިވަނީ އެ ރިސޯޓުގައި ހުއްޓާ ހާލު ދެރަވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް މަރެއްގައި މަރުވުމާއި ގުޅިގެންނެވެ. މަރުވީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް 10 ދުވަސް ފަހުން ކަމަށްވާއިރު، ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ތުހުމަތުކުރެއެވެ. އެގޮތުން އެ މައްސަލަ ފުލުހުންނާއި އެޗްއާރްސީއެމް އިން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ.