Last Updated: April 19, 22:14
Friday, April 19, 2024
ކުޅިވަރު

ލިވަޕޫލް އާއި ސިޓީ އެއްވަރު، ލެސްޓާ އެއްވަނަ އަށް

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ވުލްވްސްގެ މައްޗަށް 1-0 އިން ކުރި ހޯދައި ލީގުގެ އެއްވަނަ އަށް ލެސްޓަ ސިޓީ އަރައިފިއެވެ.

މިިި ނަތީޖާތަކާއެކު ލެސްޓާ ލީގުގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް އަދި ތިންވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. މެންޗެސްޓަރ ސިޓީ އޮތީ 12 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލިވަޕޫލް އިންނެވެ. އެގޮތުން ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ. ނަމަވެސް މެޗުގެ 31 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ސިޓީ އަށް ޕެނަލްޓީ އެއް ވެސް ލިބިފައިވެއެވެ. ނަމަވެސް ކެވިން ޑެ ބްރައިނާ ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު މި ހާފުގައި ސިޓީގެ ޖީސެސް އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ވުލްވްސްގެ މައްޗަށް ކުރި ހޯދައި ލެސްޓާ އިން ލީގުގެ އެއްވަނަ އަށް އެރިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 15 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޖޭމީ ވާޑީ އެވެ. މިއީ ލީގުގައި ޖެހިޖެހިގެން ލެސްޓާ އިން ހޯދި ތިންވަނަ މޮޅެވެ.

ލީގުގައި މިރޭ ޓޮޓެންހަމް އިން ވެސްޓްބްރޮމްގެ މައްޗަށް 1-0 އިން ކުރި ހޯދައި ލީގުގެ ދެވަނަ އަށް އެރިއިރު، މި މެޗުގެ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ.