Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

އާސެނަލް އަތުން އެސްޓަންވިލާ އަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާ އިން އާސެނަލްގެ މައްޗަށް 3-0 އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު އެސްޓަންވިލާ އޮތީ 15 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. އާސެނަލް އޮތީ 12 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 18 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީ އެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެސްޓަންވިލާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 25 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލަކީ އާސެނަލްގެ ބުކާޔޯ ސަކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ނަތީޖާ އެއްވަރުކޮށްލަން އާސެނަލްގެ ފޯވާޑް ލަކަޒެޓް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އެސްޓަންވިލާ އިން ނިންމާލިއިރު މެޗުގެ 72 ވަނަ މިނެޓްގައި ބާކްލީ ދިން ރީތި ޕާހަކުން އޮލީ ވޮޓްކިންސް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން އެސްޓަންވިލާގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ވޮޓްކިންސް އެވެ.

މިއީ އަމިއްލަ ދަނޑުގައި ކުޅެ ލީގުގައި އާސެނަލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އެގޮތުން އަމިއްލަ ދަނޑުގައި ކުޅެ އެންމެފަހުން ލެސްޓަ ސިޓީ އަތުން 1-0 އިން އާސެނަލް ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިއީ ދެ މެޗަށްފަހު އެސްޓަންވިލާ އިން ހޯދި ފުރަތަމަ މޮޅެވެ.