Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

އަނބިކަނބަލުން ވެސް ޓްރަމްޕަށް ގޮވާލަނީ ބަލި ގަބޫލުކުރަން!

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިގަނެ ބަލި ގަބޫލުކުރަން ޑޮނަލްޑް ޓްރަމްޕަށް އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވެސް އިރުޝާދު ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕާއި ވާދަކޮށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ޓްރަމްޕް ދެކޮޅު ހައްދަވަމުން ގެންދަވާއިރު އިތުބާރު ހުރި މަސްދަރުތަކަކާއި ހަވާލާދީ "ސީއެންއެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ އަނބިކަނބަލުންނާއި، ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ ވެސް ގެންދަވަނީ ބަލި ގަބޫލުކުރަން ޓްރަމްޕަށް އިރުޝާދު ދެއްވަމުންނެވެ.

ނަމަވެސް ޓްރަމްޕްގެ ދެ ދަރިކަލުން ކަމަށްވާ އެރިކް އާއި ޑޮނަލްޑް ޖޫނިއާ ގެންދަވަނީ ޓްރަމްޕާއި އަދި އޭނާ އަށް ތާއީދުކުރާ ރިޕަބްލިކަން ޕާޓީގެ ފަރާތްތަކަށް އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ބާރުއަޅަމުން ކަމަށްވެސް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

އިންތިހާބު ވަގަށް ނަގާފައިވާ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެތް އަދި މިހާތަނަށް އޭނާ އަށް ވެސް އަދި ޓްރަމްޕްގެ ވަކީލުންނަށް ވެސް ދެއްކިފައެއް ނުވެއެވެ. އަދި އިންތިހާބުގެ މައްސަލަ ނިންމާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕަކީ 1992 ވަނަ އަހަރަށްފަހު ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމާއި ދުރަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. އެންމެފަހުން ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖޯޖް ބުޝް އެވެ.